ޓެކްސް ބިލްތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އެމްޑީޕީން ޚާއްސަ ކޮމިޓީއެއް ނަގައިފި

އިބްރާހީމް ރާމިޒް

ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އަޅުވައި، ކުރިއަރަމުންދާ ދެމެހެއްޓެނިވި ޒަމާނީ އިޤްތިޞާދެއް ރާއްޖޭގައި ބިނާ ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިޤްތިޞާދީ ބިލުތަކާމެދު އާންުމުން ހޭލުންތެރިކުރުވުމަށް އެމްޑީޕީން ޚާއްސަ ކޮމިޓީއެއް ނަގައި، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

އެމްޑީޕީގެ މައި ސެކްރެޓޭރިއަޓްގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، މި ކޮމިޓީ އަށް މުޤައްރިރަކާއި، ނައިބު މުޤައްރިރަކު ކަނޑައެޅުން މިއަދުގެ ބައްދަލުވުމުގައި އޮތެވެ. އެގޮތުން މުޤައްރިރަކަށް ކަނޑައެޅުއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މަހުމޫދު ރާޒީ އެވެ. އަދުި ނައިބު މުޤައްރިރަކަށް ހަމަޖެއްސެވީ މާލީ ވަޒީރު އަޙުމަދު އިނާޒް އެވެ.
އެމްޑީޕީގެ ޗެއަރޕާސަން އާއި، ޕާޓީގެ ރައީސް އަދި ޕާޓީގެ ނައިބު ރައީސް ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ޖުމަލް 11 މެންބަރުންގެ މި ކޮމިޓީގެ ކޯރަމަކީ 4 އެއް ކަމުގައި ވެސް މިއަދުގެ ބައްދަލުވުމުގައި ހަމަޖެއްސެވިއެވެ.