8 މެއި 2010
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހުރިއްޔާއަށް ފޮނުވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއިބެހޭ ބިލަކީ ޤާނޫނު އަސާސީ އިން ވޯޓުލިބުމުގެ ހައްޤުލިބިފައިވާ ގިނަ ބަޔަކަށް އެހައްޤު ގެއްލޭފަދަ ގޮތަކަށް ފާސްކޮށްފައި އޮތް ބިލަކަށްވާތީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނައުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުވައިފިއެވެ.
އެގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ މި ސިޓީގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ (ހ) ގައި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހިނދަކު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްމެ އިންތިޚާބު ތަކުގަޔާއި ރައްޔިތުންގެ ޚިޔާލް ހޯދުމުގެ ޢާންމު ވޯޓްތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާކަމަށާއި، މިފަދަ ވޯޓްތަކަކީ ސިއްރު ވޯޓްތަކަކަށް ވާންވާނެކަމަށް ބަޔާން ކުރެވިފައިވާ ހިނދު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަޞްދީޤުކުރެއްވުމަށްޓަކައި މިހާރު ފޮނުއްވާފައިވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ބިލުގެ 4 ވަނަ މާއްދާގައި އެ ޤާނޫނުގެ ދަށުން ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުތައް ބާއްވާނީ ހަމައެކަނި އެ ކައުންސިލަތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވޯޓްލާ ދާއިރާއެއްގައި ކަމަށް ބަޔާންކޮށްފައި އޮތުމުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ވޯޓް ލުމުގެ ހައްޤު ގެންލިގެންދާކަމުގައި ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދިރިއުޅެމުންދަނީ މާލެއާއި އަދި އެކިއެކި ރިސޯޓްތަކާއި ތަފާތު ޞިނާއީ މަސައްކަތްކުރާ ތަންތަނުގައި ކަމަށްވުމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލުގެ 4 ވަނަ މާއްދާގައި އެވާގޮތުން ވޯޓްލުމުގައި ބައިވެރިވުމުގެ ޙައްޤު މިފަދަ މީސްތަކުންނަށް ގެއްލިގެންދާ ކަމަށް އެމްޑީޕީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ހާމަކޮށްފައިވެއެވެ. އަދި މިސިޓީ ފޮނުވަން ޖެހުނީ ޤާނޫނު އަސާސީ އިން ލިބިދީފައިވާ ހައްޤަކުން ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މަހުރޫމުވެގެންދާތީ، މިކަންކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމަށްކަމަށްވެސް ސިޓީގައި ލިޔެފައިވެއެވެ.