އަދާލަތު ޕާޓީއާ ނުލައި މިސަރުކާރު ހިންގަން ފަސޭހަ ނުވާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ

4 މެއި 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އަދާލަތު ޕާޓީއާ ދުވަހަކުވެސް ވަތްކެއް ނުވާނޭ ކަމަށާއި، އަދާލަތު ޕާޓީއާ ނުލައި މިސަރުކާރު ހިންގަން ފަސޭހައެއް ނުވާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އަދާލަތަކީ ވަރަށް ވަފާތެރިކަމާއެކު ވެރިކަން ބަދަލުކުރުމުގައި މަސައްކަތް ކޮށްދިން ޕާޓީ އެއް ކަމަށާއި، އެހެން ކަމުން އެމްޑީޕީއާ އަދާލަތު ޕާޓީއާ ދުވަހަކުވެސް ވަތްކެއް ނުވާނޭ ކަމުގައެވެ. އަދި ބައެއް ފަހަރަށް ޕޯޑިއަމްތަކުގައި އަދާލަތާ ދެކޮޅަށް އެއްޗެއް ބުނަން ޖެހުނު ކަމުގައި ވިޔަސް އަދާލަތާ ނުލައި ސަރުކާރު ހިންގަން ފަސޭހަ ނުވާނޭކަން ގަބޫލުކުރައްވާ ކަމުގައި މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ބިލު އެމްޑީޕީން ބޭނުންވާ ގޮތަށް ފާސްނުވި ކަމުގައި ވިޔަސް ކުރިޔަށް އޮތްތަނުގައި އެބިލާގުޅޭ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށާއި، އެއްވެސް ޤާނޫނަކަށް އިސްލާޙް ހުށަހެޅުން ޤާނޫން އަސާސީން މަނާކޮށްފައި ނުވާ ކަމުގައެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ޕީއޭ އިން މަޖިލީހުގެ ދެން އަންނަ ދައުރެއްގައި ޑީއާރުޕީއާ އެކު މަސައްކަތް ނުކުރާނޭ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި، އެ ދެޕާޓީގެ ދެމެދުގައި މިހާރުވެސް ވަރަށް ބޮޑު ކޯޅުންގަނޑެއް އެބައޮތް ކަމުގައި ވިދާޅުވިއެވެ.
މި ދެބޭފުޅުންގެ އިތުރުން ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފް ވެސް ވާހަކަ ދެއްކެވިއެވެ. މި ބޭފުޅުން ދެއްކެވި ވާހަކައިގައި ލާމަރުކަޒީ ބިލު މިހާރު އޮތްގޮތުން ރައްޔިތުންނަށް ލިބޭނޭ ގެއްލުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.