ލާމަރުކަޒީ ބިލް ތަސްދީޤްކުރުމުގެ ކުރިން އެބިލުގައި އަތޮޅުތަކަށް ފުރިހަމަ ބާރު ދީފައިވޭތޯ ބައްލަވާނޭ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ

3 މެއި 2010

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލް ތަޞްދީޤުކުރެއްވުމުގެ ކުރިން އެބިލް ފާސްކޮށްފައިވަނީ ބިލްގެ މަޤްޞަދު ޙާޞިލުވާގޮތަށް ރާއްޖޭގެ އަތޮޅުތަކަށް، އެ އަތޮޅުތައް ހިންގުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިދޭގޮތައްތޯ ބައްލަވާނޭކަމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސާރކް ސަމީޓަށާއި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރިވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ އުޞޫލުން ވެރިކަން ހިންގުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވުމުގެ ބޭނުންފުޅަކީ އަތޮޅުތަކަށް އެ އަތޮޅުތައް ހިންގުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު ލިބިދިނުން ކަމަށެވެ މަޖިލީހުން އެބިލް ފާސްކޮށްފައިވާގޮތް ސަރުކާރަށް އަދި ލިބިފައިނުވާކަމަށާއި ބިލް ލިބިވަޑައިގަތުމުން ބައްލަވަން ޖެހޭ ކަންތައްތައް ބެއްލެވުމަށްފަހު އެ ބިލް ތަޞްދީޤުކުރުމާމެދު ގޮތެއް ނިންމަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިދުވަސްވަރަކީ އެމަނިކުފާނުގެ ނައިބާއި، އަދި އިދިކޮޅު ފަރާތްތަކުން ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް، ތަފާތު ވާހަކަތައް ދައްކަވައި، މައްސަލަތައް ކުރިމަތިކުރުވަމުން ގެންދާ ދުވަސްވަރެއް ނަމަވެސް، ކަންބޮޑުވާންޖެހޭ ވަރުގެ އެއްވެސް މައްސަލައެއް ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެންމެ ކަންބޮޑުވެވަޑައިގަންނަވާ ކަމަކީ ތަފާތު އެކި ސަބަބުތަކާ ހެދި މަޑުޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުގެންދެވުން ކަމަށާއި އެމަސައްކަތްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެމަގު މިހާރު ތަނަވަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާއަށް ކުރެއްވެވި ދަތުރުފުޅުގެ ސަބަބުން ގާތްގަނޑަކަށް210 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭނެކަމަށާއި އޭގެތެރެއިން 10 ވަރަކަށް މިލިއަން ޑޮލަރަކީ ސަރުކާރުގެ ކަންކަން ކުރުމަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ފައިސާ ކަމަށެވެ. އަދި ޗައިނާގެ ފަތުރުވެރިން ރައްޖެއަށް ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށް ޗައިނާއިން އެހީތެރިވުމާމެދު މަޝްވަރާ ކުރެއްވި ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މެޑިސިން ފަދަ މުހިއްމު ދާއިރާތަކުން ޗައިނާއިން ދިވެހި ކިޔަވާ ކުދިންނަށް އިތުރު ސްކޮލަރޝިޕް ލިބުމަށް މަގުފަހިވެފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.