ޝެންގހާއީ ވާރލްޑް އެކްސްޕޯގައި ހަދާފައިވާ ރާއްޖޭގެ ޕެވިލިއަން ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

2 މެއި 2010

ޗައިނާގެ ޝެންގހާއީގައި ހޮނިހިރު ދުވަހު ހުޅުވި، “ޝެންގހާއީ ވާރލްޑް އެކްސްޕޯ 2010” ގައި ހުރި ރާއްޖޭގެ ޕެވިލިއަން، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހުޅުއްވައިދެއްވައިފިއެވެ.
ރާއްޖޭގެ ޕެވިލިއަން ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ޕެވިލިއަން ބައްލަވާލެއްވިއެވެ. އެއަށްފަހު، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، މި ސްޓޯލަކީ ރާއްޖެއަށް ވަރަށް ގިނަގުނަ ފައިދާތައް ކުރާނެ ސްޓޯލެއް ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ޕެވިލިއަން ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެ ޒަމާންތަކެއްގެ ކުރީގައިވެސް ރާއްޖެއިން ބޭރުގައި ބޭއްވުނު މިފަދަ ބޮޑެތި މަޢުރަޒުތަކުގައި ރާއްޖެއިން ބައިވެރިވެފައިވާކަން ތާރީޚުން އެނގެން އެބައޮތްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ މިހާރު ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ އަދި މުސްތަޤްބަލުގައި ދުނިޔޭގެ ބޮޑުބާރަކަށްވާނެ ޤައުމެއްގެ ތާރީޚްގެ ތެރެއަށް ވަނުމަށް ރާއްޖެއަށް ލިބިގެންދާ ފުރުޞަތެއް ކަމުގައި ވިދާޅުވިއެވެ. މި އެކްސްޕޯގައި ރާއްޖެ ބައިވެރިވެފައިވުމުން، ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށް ވީނަމަވެސް، ރާއްޖެއަކީވެސް ދުނިޔޭގެ އެހެން ޤައުމުތަކާއެކު ފައިތިލަ ސާބިތުކުރަމުންދާ ޤައުމެއްކަން، މުސްތަޤުބަލުގެ ޖީލުތަކަށްވެސް އެނގިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޝެންގހާއީ ވާރލްޑް އެކްސްޕޯގައި ހުރި ރާއްޖޭގެ ސްޓޯލް ހުޅުއްވައިދެއްވުމަށްފަހު، މި އެކްސްޕޯގައި ހުރި ޗައިނާގެ ޕެވިލިއަންއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ. ޝެންގހާއީ ވާރލްޑް އެކްސްޕޯ މިއަދުން ފެށިގެން މިއަހަރުގެ އޮކްޓޯބަރ މަހުގެ 31ގެ ނިޔަލަށް ހުޅުވިފައި ހުންނާނެއެވެ. މި އެކްސްޕޯ ހުޅުވިފައި ހުންނަ 6 މަސް ދުވަހުގެ ތެރޭގައި މުޅިޖުމްލަ 70 މިލިއަން މީހުން މި އެކްސްޕޯއަށް ޒިޔާރަތް ކުރާނެ ކަމަށް ޗައިނާއިން ލަފާކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މިއަދު މެންދުރުފަހު ޝެންގހާއީ އަރބަން ޕްލޭނިންގ އެގްޒިބިޝަން ސެންޓަރަށާއި، ޗައިނާގެ “ވޫ ޕޯ ޝިންގ ގެލެރީ އޮފް ޗައިނީޒް ބްރޯންޒް”އަށް ޒިޔާރަތް ކުރައްވައި، އެދެތަނުގައި ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހޮނިހިރު ދުވަހު ޗައިނާއަށް ވަޑައިގަންނަވަމުން، ތައިލެންޑްގެ ބެންކޮކްގެ ވައިގެ ބަނދަރުގައި މަޑުކޮށްލެއްވި ވަގުތުކޮޅުގައި ތައިލެންޑްގެ ފޮރިން މިނިސްޓަރ ކޮސިޓް ޕިރޮމްޔާއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި، ރާއްޖެއާއި ތައިލެންޑާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ތައިލެންޑުން ރާއްޖޭގައި ހިންގަމުންދާ އެކި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ތައިލެންޑްގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ތައިލެންޑްގެ ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.