އެމްޑީޕީގެ އަހަރީ ދުވަހުގެ ފުޓުބޯޅަ މެޗް: ސަރުކާރުގެ މައްޗަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ކުރި ހޯދައިފި

އިބްރާހީމް ރާމިޒް

ކާނަލް ނަޝީދު ރައީސް ނަޝީދުގެ އަތްޕުޅުން ބޯޅަ ހޯއްދަވަން މަސައްކަތް ކުރައްވަނީީ: ފޮޓޯ: މޯލްޑިވް ސޮކަރ
ކާނަލް ނަޝީދު ރައީސް ނަޝީދުގެ އަތްޕުޅުން ބޯޅަ ހޯއްދަވަން މަސައްކަތް ކުރައްވަނީީ: ފޮޓޯ: މޯލްޑިވް ސޮކަރ

ދިވެހިރައެްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗް 4 ލަނޑު 2 ލަނޑުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޓީމް ކާމިޔާބުކޮށްފިއެވެ.
ސަރުކާރުގައި އުޅުއްވާ އެމްޑީޕީގެ އިސް ފަރާތްތައް ހިމެނޭ އެގްޒެކެޓިވް ޓީމާއި، އެމްޑީޕީގެ ޕީޖީގެ ޓީމް ބައްދަލުކުރި މި ފޯރިގަދަ މެޗްގެ ފުރަތަމަ ލަނޑުޖެއްސެވީ މޮޅަށް ކުޅުއްވި، ޕީޖީ ޓީމްގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ. އަލީ ރިޒާގެ 2 ގޯލާއި، ތޮއްޑޫ ދާއިރާގެ އަލީ ވަހީދުގެ 2 ގޯލާއި އެކު ޕީޖީ ޓީމުން 4 ގޯލްޖެހި އިރު، އެގްޒެކެޓިވް ޓީމުން ވެސް ވަނީ 2 ގޯލު ސްކޯރކޮށްފައެވެ. ފަހު ހާފުގައި ޖެހި، އެ ޓީމުގެ 2 ލަނޑުވެސް ކާމިޔާބުކޮށްދެއްވީ ޔޫތު މިނިސްޓަރ ޙަސަން ލަތީފެވެ. އެގްޒެކެޓިވް ޓީމުގެ ފުރަތަމަ ލަނޑުޖެހީ ޕެނަލްޓީ އަކުންނެވެ.
30 މިނެޓްގެ 2 ހާފު ކުޅުނު މި މެޗުގައި ކުޅުނު ހުރިހާ ކުޅުންތެރިންގެ ޖޯޒީގައި ވެސް ވަނީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން 6 ޖަހާފައެވެ.
މި މެޗުގައި އެގްޒެކެޓިވް ޓީމުގެ ކެޕްޓަންކަން ކުރެއްވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ޕީޖީ ޓީމްގެ ކެޕްޓަންކަން ކުރެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ިއބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އެވެ.
އެމްޑީޕީ އާއި ސަރުކާރަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ކުޅި ބަލަން ދިޔަ މި މެޗު ކުޅެމުން ދިޔަ އިރު ކުޅުންތެރިންގެ ޖާޒީ ނީލަންކިޔުމުގެ ފުރުސަތު ހުޅުވާލުމުން މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޖާޒީއަށެވެ. އެ ގޮތުން އެމަނިކުފާނުގެ ޖާޒީ އަށް ސިރިއަސް ކޮމްޕެނީގެ ފަރާތުން ވަނީ ޖުމްލަ 111،000 ރުފިޔާ ހުށަހަޅާފައެވެ.
މި މެޗުގެ ޖާޒީ ވިއްކައިގެން ލިބޭ ފައިސާގެ ދެބައިކުޅަ އެއް ބައި ޓައިނީ ހާރޓްސް އަށް ހަދިޔާ ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މެޗު ކާމިޔާބުކުރެއްވި ޓީމަށް ތަށި ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން އަދި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގެވެ. މި މެޗުގައި މޮޅަށް ކުޅުއްވައި މޭން އޮފް ދަ މެޗުގެ އިނާމެއްގެ ގޮތުން ރަންބޫޓު ހާސިލްކުރެއްވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދަށް އިނާމް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރިުޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޢަބްދުﷲ ޝާހިދެވެ.