ރައީސް ނަޝީދުގެ އިޤްތިޞާދީ އެޖެންޑާ އަށް އޮސްޓްރޭލިޔާ އިން މަރުހަބާ ކިޔާ: ޑރ.ޑީޑީ

އިބްރާހީމް ރާމިޒް

haruge-12-07-2010-didi

ރާއްޖެއަކީ ކިތަންމެ މީސްކޮޅު މަދު، ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އޮސްޓްރޭލިޔާ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މަޢުލޫމާތު ވަރަށް ރަގަޅަށް ހޯދަމުންދާ ކަމަށާއި، އެގޮތުން ރައީސް ނަޝީދުގެ އިޤްތިޞާދީ ސިޔާސަތުގެ މައުލޫމާތު ވެސް އޮސްޓްރޭލިޔާއިން ބަލަމުން ދާކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ އެޖެންޑާއަށް އޮސްޓްރޭލިޔާ އިން މަރުހަބާކިޔާ ކަމަށް، އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
އިންތިޚާބުތައް ރާވައި ހިންގުމާ ބެހޭ ގޮތުން މި ޖޫން މަހުގެ 21 ން 25 އަށް އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާ ގައި ބޭއްވި ސެމިނަރ ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ރަސްމީ ފާލަމުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޑރ.ޑީޑީ ވަނީ ޑިމޮކްރަސީގެ ޅަފަތުގައި ކޮންމެ ގައުމަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، މި ފަދަ ގޮންޖެހުންތަކަުން އަރައިގަތުމަށް ވެރިކަންކުރާ ޕާޓީއާއި، އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ހުރިހާ ގައުމަކުން ވެސް ފާހަގަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް އެމްޑީޕީއަކީ އަބަދުވެސް ފުރިހަމަ ޑިމޮކްރަސީއެއް ބިނާކުރުމަށް، ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮންނަންޖެހޭ ކަމަށް ވަކާލާތުކުރާ ޕާޓީއެއް ކަމަށް ވިދާޅުވަމުން، އެމްޑީޕީގެ ގައުމީ މަޖިލީހާއި، އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ލަފާފުޅުހޯއްދެވުމަށްފަހު އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދަވާނޭ ކަމަށް ވިދާޅުވިއެވެ.
ޑރ.ޑީޑީގެ މި ދަތުރުފުޅުގައި އޮސްޓްރޭލިޔާގައި ދިރިއުޅުއްވާ ބައެއް ދިވެހި އާއިލާތަކާ ވެސް ބައްދަލުކުރެއްވިއެވެ.