ސާކުން ނަތީޖާ ނެރެވޭ މުޅި މިންވަރު އަލުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 އޭޕްރިލް 2010

hep-addressing-saarc-summit

ސާކަކީ މިހާރަށްވުރެ ހަރުދަނާ، އަދި ނަތީޖާ ޙާޞިލު ކުރެވޭ ޖަމާއަތަކަށް ހެދިދާނެ ގޮތްތަކާމެދު އަލުން ވިސްނައި ބެލުމަށް ސާކް ގައުމުތަކުގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ ބޫޓާނުގައި ބުދަ ދުވަހު ފެށުނު 16 ވަނަ ސާކު ސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މި ވަގުތަކީ ސާކަށް އެންމެ މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަންކަން ފާހަގަކޮށް، އެންމެ އިސްކަންދޭންވީ ކަންކަމުގެ ތަރުތީބު ކަނޑައެޅުމުގެ ވަގުތުކަމުގައި ވިދާޅުވިއެވެ. އަދި މިއީ ބަސްތަކާއި ވަޢުދުތަކަށް ޢަމަލީ ފިޔަވަޅު ގެންނަންޖެހިފައިވާ ވަގުތު ކަމަށާއި، ސާކަކީ 21 ވަނަ ޤަރުނުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހިފައިވާ ޖަމާޢަތެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސާކް ޤައުމުތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ މައިގަނޑު 4 ދާއިރާއެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެ 4 ދާއިރާއަކީ ފެހި އިންވެސްޓްމަންޓާއި ތަރައްޤީ، ޑިމޮކްރަސީ ކުރިއެރުވުމާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، ކާނާއާއި ހަކަތައިގެ ރައްކާތެރިކަން އަދި ސާކް ސަރަޙައްދުގެ ތަފާތު ޘަޤާފަތްތަކާމެދު، ޚާއްޞަ ގޮތެއްގައި ޒުވާނުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ ދާއިރާ އެވެ.
އިއްޔެ ބޫޓާނުގައި މިފެށުނު ސާކު ސަމިޓަކީ، 1985 ވަނަ އަހަރު ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އުފެދުނު ސާކަށް 25 އަހަރު ފުރުން ފާހަގަކުރާ ސަމިޓެވެ. ސާކު އުފެއްދުމުގެ މައިގަނޑު މަޤްޞަދުތަކަކީ މިސަރަޙައްދުން ފަޤީރުކަން ނައްތާލައި، މިސަރަޙައްދުގައި އުޅޭ 1.5 ބިލިއަނަށް ވުރެ ގިނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ދެކުނު އޭޝިޔާ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.