ކުޑަސިޓީއާ ހަމައަށް ރާއްޖެ ފަހަތަށް ޖެހިއްޖެ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެއްޖެ

img_1561-450-x-338

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށްދިޔަ ލާމަރުކަޒީ ބިލަށް ޑީއާރުޕީން ހުށަހެޅި އިސްލާޙްތަކުގެ ސަބަބުން ރާއްޖެ ކުޑަ ސިޓީއާ ހަމައަށް ފަހަތަށް ޖެހިއްޖެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީން ހުށަހެޅި ހުރިހާ އިސްލާޙްތަކެއް ފޭލްކުރަމުން ދިއުމުގެ ސަބަބުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލިސް ދޫކޮށް ދިއުމަށްފަހު އެޕާޓީގެ މައި އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސް އެއްގައި މާރިޔާ ވިދާޅުވީ ” މިއަދު ރާއްޖެ އެގެންދިޔައީ ކުޑަ ސިޓީއާ ހިސާބަށް ފަހަތަށް.” ކަމުގައެވެ. މާރިޔާ ވިދާޅުވީ މާކުރިން ކަންކުރަމުން އައި އުސޫލަށް އެއް އަތޮޅާ އަނެއް އަތޮޅާ ގުޅުމެއް ނެތް ގޮތަށް، ކުޑަސިޓީއާ ހަމައަށް ރާއްޖެ ފަހަތަށް ގެންދިއުމަށް ނިންމުމުން އެބޭފުޅުންނަށް ވިސްނުނީ އެހިސާބުން މަޖިލިސް ދޫކޮށްދިއުމަށް ކަމުގައެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވީ އެއް އަތޮޅު އަނެއް އަތޮޅާ ގުޅުމެއް ނޯންނަ ގޮތަށް އިސްލާޙްތައް ފާސްވެގެން ދިއުމުގެ ސަބަބުން ފުވައްމުލައް ކަހަލަ އެކަހެރި ރަށްތައް ބިކަވެގެންދާނޭ ކަމުގައެވެ. އަދި އެގްރޫޕްގެނައިބު ރައީސް ވިދާޅުވީ ސަރުކަރުން ހުށަހެޅި ލާމަރުކަޒީ ބިލުގެ ރުހު ނެތިގެންދާ ގޮތަށް އިސްލާޙްތައް ފާސްވެގެންދިއުމަކީ ކަންބޮޑުވާންޖެހެ ކަމެއް ކަމުގައެވެ.