27 އެޕްރީލް 2010
މަތި ދެކުނު ޕްރޮވިންސްގެ ގއ.މާމެންދޫ ގައި އެމްޑީޕީގެ ހަރުގެއެއް އެޅުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދާ ކަމުގައި އެރަށު ކައުންސިލަރ މުހައްމަދު ޝިމާލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މިޑިއާ ޔުނިޓަށް މަޢުލޫމާތު ދެއްވަމުން މިހަރުގެ ހެދުމުގެ މަސައްކަތުގައި ވެސް އިސްކޮށް ހަރަކާތްތެރިވެލައްވާ ބޭފުޅެއް ކަމުގައިވާ ޝިމާލު ވިދާޅުވީ މިހަރުގެ ހިޔާކޮށް ނިމިފައިވާ ކަމަށާއި، “މިހާރު ކުރިއަށް ދަނީ ފިނިޝިންގ މަސައްކަތް” ކަމުގައެވެ.
” އަޅުގަނޑުމެންގެ އުއްމީދަކީ މި ހަރުގޭގެ މަސައްކަތް ލޯކަލް އިންތިޚާބުގެ ކުރިން ނިންމައި، އެއިންތިޚާބުގައި އެމްޑީޕީ އަށް ކާމިޔާބު ހޯދައިދިނުން. އިރާދަ ކުރެއްވިއްޔާ މެއި 26 ވަނަ ދުވަހު މިހަރުގެ ހުޅުވާނަން. އަދި މި ހަރުގެ މެދުވެރިކޮށް ކެމްޕެއިން އިތުރަށް ފުރިހަމަ ވެގެންދާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ” ކަމުގައި މާމެންދޫ ކައުންސިލަރ ޝިމާލް ވިދާޅުވިއެވެ.
ކައުންސިލަރު އިތުރަށް ވިދާޅުވީ މިހަރުގެ އަކީ މާމެންދޫގައި ހަރަކާތްތެރިވާ އެމްޑީޕީ މެންބަރުންގެ އަތުން ޗަންދާ ނަގައިގެން އެމެންބަރުން ހިލޭ ސާބަހަށް ކުރަމުންދާ މަސައްކަތެއް ކަމުގައެވެ. އަދި މި ހަރުގެ އެޅުމުގެ މަސައްކަތަށް މާމެންދޫގެ އެމްޑީޕީ މެންބަރުންދޭ ސަމާލުކަމާއި، ޚާއްޞަ ގޮތެއްގައި ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ރިޔާޒްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމުގައި ޝިމާލު ވިދާޅުވިއެވެ.