ނޫސް ބަޔާން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ވަޙީދު ހަސަން މަނިކުގެ ނޭއްގާނީ ޢަމަލުތައް ކުށްވެރިކުރުން

25 އެޕްރީލް 2010

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ޤައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު، އެމްޑީޕީއާ އެކު އިއްތިހާދުވެ ވަޑައިގެން ހުންނަވައި، ސިޔާސީ މަޤްޞަދެއް ހާޞިލުކުރެއްވުމުގެ ބޭނުންފުޅުގައި އެމަނިކުފާނު ނިޞްބަތްވާ ސަރުކާރާއި އެމްޑީޕީގެ އިސްވެރިންނާ މެދު ރައްޔިތުންގެ ހިތުގައި ފިތުނައާއި ނަފްރަތު އުފެދޭ ފަދަ ވާހަކަފުޅުތައް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
ޤައުމީ އިއްތިހާދުގެ ލީޑަރު ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަކީ އެކި ފަހަރު މަތިން ދިވެހިރައްޔިތުން އެމަނިކުފާނާ އެކި މަސްއޫލިއްޔަތު ހަވާލުކުރުމުން ވެސް އެ މަސްއޫލިއްޔަތުތައް އަދާކުރުން މަތީގައި ދެމިހުރުމުގެ ބަދަލުގައި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވަމުން ގެންދަވާ ބޭފުޅަކަށްވީ ހިނދު، އޭރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ މިގައުމުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަކީ އެމަނިކުފާނުގެ ރަނިންގމޭޓްގެ ގޮތުގައި ހޮއްވެވުމުން ވެސް މިޕާޓީގެ މެންބަރުންގެ ހިތުގައި ނިހާޔަތަށް ނުތަނަވަސްކަން އުފެދުނެވެ. މިޕާޓީގެ މެންބަރުން އޭރުވެސް ބުނަމުން ދިޔައީ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަކީ މަސްއޫލިއްޔަތެއް ހަވާލުކޮށްފިނަމަ ފިއްލަވާ، ވެރިކަމާ ޖެހުނީމާ އެނބުރި ވަޑައިގަންނަވާ ބޭފުޅެއް ކަމުގައެވެ.
ޑރ.މުހައްމަދު ވަޙީދު ހަސަން މަނިކު ދިވެހި ޖުމްހޫރިއްޔާގެ ރައީސްގެ ނައިބު ކަމާ ހަވާލުވެވަޑައިގަތީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ ޖަދުވަލު 1 ގައިވާ ހުވާ ކުރައްވައިގެންނެވެ. އެހުވާ މިހިނދު ތަކުރާރުކޮށްލާނަމެވެ.
” އަހުރެން …….. އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، އަދާކުރުން މަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ.”
ޤާނޫން އަސާސީގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތައް ބަޔާންކުރެވިފައިވާ 117 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ” ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ، ރައީސުލް ޖުމްހޫރިއްޔާ ހަވާލުކުރާ ކަންކަން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ކުރަން ވާނެއެވެ. ”
އަދި ޤާނޫން އަސާސީގެ 112 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެ ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ހުންނާންވާނެ ކަމަށް ބުނެއެވެ. ކަން މިހެން އޮތްއިރު، ރައީސުލް ޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުއާއި ހަވާލުކުރައްވާ މަސްއޫލިއްޔަތުތައް، ޤާނޫން އަސާސީގައި ވާގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ އަށް އެހީތެރިވުމުގެ ގޮތުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުން މަތީ ދެމިހުންނެވުމުގެ ބަދަލުގައި، އެމަނިކުފާނުގެ ކިބައިން މިހާރު ފެންނަމުންދާ ނޭއްގާނީ އަމަލުތައް މިޕާޓީން ތަކުރާރުކޮށް ކުށްވެރިކުރަމެވެ.
އަދި މިޕާޓީގެ ގިނަ ބަޔަކު މިހާރު އެމަނިކުފާނު ސިފަކުރަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމާއި، ދިދަ ޖެހި ކާރާއި ހިލާލީގެ ތަބަކަކަށް ލާފައި ހަވާލުކުރުމުން ވެސް، ވެރިކަމުގެ ޝާނާއި ޝައުކަތުގެ ދަހިވެތި ކަމުގައި އުޅުއްވާ އަމިއްލަ އެދުންފުޅު ބޮޑު، ގައުމީ މަސްލަހަތަށް ވުރެ އެމަނިކުފާނުގެ ޕާޓީއާއި އަމިއްލަ މަސްލަހަތު އިސްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ވީހިނދު، މިފަދަ ނޭއްގާނީ އަމަލުތައް ތަކުރާރު ނުކުރައްވާ، ޤާނޫން އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތީން ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު، ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ އަމަލުފުޅުތައް ބެހެއްޓެވުމަށް މިޕާޓީން އެމަނިކުފާނަށް ނަޞޭހަތްތެރިވަމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް