އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ނެގި ކުޑަ ކޮމިޓީގެ މުޤައްރިރަކަށް އަސްލަމް ހަމަޖައްސަވައިފި

އިބްރާހީމް ރާމިޒް

aslam-440-x-294

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ނެގި ކުޑަ ކޮމިޓީގެ މުޤައްރިރަކަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް މުޙައްމަދު އަސްލަމް އަދި އެ ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިމްތިޔާޒް (އިންތި) ހަމަޖައްސަވައިފިއެވެ.

މި ގޮތަށް ހަމަޖެއްސެވީ އިއްޔެ އެމްޑީޕީ ސެކްރެޓޭރިއަޓް ގައި އޮތް އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. މީގެ އިތުރުން 10 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޓީގެ ބައްދަލުވުންތަކުގެ
ކޯރަމަކީ 5 ބޭފުޅުން ކަމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ނިންމެވިއެވެ. އަދި
އެއް ކޮމިޓީއަށްވުރެ ގިނަ ކޮމިޓީއަށް ބައެއް ފަރާތްތަކުން ނަން ހުށަހަޅުއްވާފައިވާތީ، އެ ފަރާތްތަކާ ވާހަކަދައްކައިގެން، ކޮންމެވެސް އެއް ކޮމިޓީއެއް އިޚްތިޔާރުކުރުމަށް މަޝްވަރާ ދިނުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބަނޑޮސް އައިލެންޑް ރިޒޯޓުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 91 ވަނަ ޖަލްސާ ގައި، އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ނެގި ކުޑަ ކޮމިޓީ ގައި އަސްލަމް އާއި އިންތިގެ އިތުރުން ހިމެނިވަޑައިގަންނަވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރުޢަބްދުﷲޢަބްދުލް ރަހީމް އާއި، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދާއި، ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ ރައީސް އިބްރާހީމް މުޢިއްޒު އާއި، ބިލެއްދޫ ދާއިރާގެ އެމްޑީޕީ ރައީސް ޢަބްދުﷲ ޖާވީދު އާއި، ވެލިދޫ ދާއިރާގެ އެމްޑީޕީ ރައީސް އިބްރާހީމް މުޙައްމަދު އަދި އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް އަލްޙާފިޒް އަޙުމަދު ޒަކީއެވެ.