އެމްޑީޕީގެ ކޮންގްރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

21 އެޕްރީލް 2010 (ބުދަ)
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މީގެ ކުޑަ އިރުކޮޅެއް ކުރިން އެޕާޓީ އޮފީހުގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ކޮންގްރެސް ކޮމިޓީގެ މުގައްރިރު ކަމަށް މަހުމޫދު ރާޒީ ހަމަޖައަސައި، ކޮންގްރެސް ބާއްވާ ތާރީޚް 26 ޖޫންގެ ބަދަލުގައި ސެޕްޓެމްބަރު 17 އަދި 18 އަށް ލަސްކުރުމަށް ގައުމީ މަޖިލީހަށް ހުށަހެޅުމަށް ނިންމުމާއި، އެމްޑީޕީގެ އަސާސީ ގަވައިދު އިސްލާހްކޮށް ނިންމަން ޖެހޭ ތާރީޚެއް ކަނޑައެޅުމާއި، ދާއިރާތަކުގެ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ކޮންގްރެސްގެ ތައްޔާރީތައް ވުމަށް ބޭނުންވާ ތަފާތު ކޮމިޓީތައް އައްޔަން ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
އެގޮތުން މީޑިއާ ކޮމިޓީ އަކާއި، އިދާރީ ކޮމިޓީ އަކާއި، ލޮޖިސްޓިކް ކޮމިޓީ އަކާއި ދަތުރުފަތުރާއި މެހެމާން ދާރީ އާ ބެހޭ ކޮމިޓީ އެއްގެ އިތުރުން މާލީ ކޮމިޓީ އެއް އެކުލަވާލައި އެކޮމިޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅުން މިރޭގެ ބައްދަލުވުމުގައި އައްޔަން ކުރެވުނެވެ.
ޖުމްލަ 32 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮންގްރެސް ކޮމިޓީއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 77 ވަނަ ޖަލްސާގައި އެކުލަވާލެވުނު ކޮމިޓީއެކެވެ. މިކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި މަހުމޫދު ރާޒީ އެވެ.