އެމްޑީޕީން މަތި އުތުރު ޕްރޮވިންސްގެ ކެލާ އަދި ވަށަފަރަށް ދަތުރެއް ކުރަނީ

މިއަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ކޮންގްރެސް އަށް ތައްޔާރުވުމާއި، ލާމަރުކަޒީ ބިލާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވައި، އެމްޑީޕީ އިތުރަށް ޕްރޮމޯޓް ކުރުމަށް، އެޕާޓީން ރާއްޖޭގެ ކަންކޮޅުތަކަށް ކުރާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މަތިއުތުރު ޕްރޮވިންސްގެ ހއ.ކެލާ އަދި ވަށަފަރަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިހަފްތާ ބަންދުގައި އޮންނާނެއެވެ.
އެމްޑީޕީން މަތި އުތުރު ޕްރޮވިންސަށް ކުރާ ދަތުރުގައި ފުރަތަމަ ދާގޮތަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރަށެވެ. މިއަންނަ ހުކުރު ދުވަހު މެންދުރުފަހު ވަށަފަރުގައި އޮންނަ ބައްދަލުވުމަށްފަހު އެރޭ ހއ.ކެލާގައި އެމްޑީޕީގެ އާންމު ޖަލްސާ އެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެ ރަށުގައިވެސް އެމްޑީޕީގެ އިތުރު ގޮފި އިފްތިތާޙް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަތިއުތުރު ޕްރޮވިންސަށް އެމްޑީޕީން މިކުރާ ދަތުރުގައި އެމްޑީޕީގެ އިސް ބައެއް މެންބަރުންނާއި ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. އެމްޑީޕީގެ އާންމު ޖަލްސާތައް މިއަހަރުގެ މިހާތަނަށް 8 ރަށެއްގައި ބާއްވާފައިވެއެވެ. އޭގެ ތެރޭގައި ށ. މިލަންދޫ، އއ.ތޮއްޑޫ، ރ.އަލިފުށި، ގއ.ކޮލަމާފުށި، ޅ.ހިންނަވަރު ބ.އޭދަފުށި، ޏ.ފުވައްމުލައް އަދި ސ.ފޭދޫ ހިމެނެއެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ރަށްރަށުން އެމްޑީޕީގެ އާންމު ޖަލްސާ އެރަށް ރަށުގައި ބާއްވަން އެދެމުން ދާކަމަށް އެމްޑީޕީ އޮފީހުން މައުލޫމާތު ދެއެވެ.