ވެރިކަން ކުރުމުގައި ގާނޫނީ ފުރިހަމަ ބާރުގެ ބެނުން ކުރުމަށް ރައީސް ނަޝީދަށް އެމްޑީޕީން ގޮވާލައިފި

20 އެޕްރީލް 2010

haruge-19-04-2010-22

ޤާނޫން އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވާލައިފިއެވެ.
ކޮންމެ ހޯމަ ދުވަހެއްގެރޭ އެމްޑީޕީ ހަރުގޭގައި ސިލްސިލާކޮށް ބާއްވަމުން އަންނަ އެޕާޓީގެ އާންމު ޖަލްސާގައި މިކަމަށް ގޮވާލައްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވީ އެމްޑީޕީ އޮތީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ކަމަށާއި، ” ހުރިހާ ގާނޫނަކާ އެކީގައި ލިބިވަޑައިގެންފައި ހުރި ބާރެއް ބޭނުން ކުރައްވައިގެން ވެރިކަން ކުރެއްވުމަށް ރައީސް ނަޝީދަށް އެމްޑީޕީގެ ފަރާތުން ގޮވާލާ ” ކަމުގައެވެ. އަދި އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުކުރާ، އެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތައް ސަރުކާރުން އިސްތިއުފާ ދިނުމަށް ވެސް މޫސަ ގޮވާލެއްވިއެވެ. މީގެ އިތުރުން އެމްޑީޕީ ސަރުކާރަކުން މިޑް ޓާރމް އިލެކްޝަނެއް ނުބާއްވާނޭ ކަމަށާއި، އެކަން އެގޮތަށް ރައީސް އިއުލާން ކުރެއްވި ނަމަވެސް ޤާނޫނާ ޚިލާފް ކަމެއް ނުކުރައްވާނޭ ކަމުގައި އޭރުވެސް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިކަމުގއި މޫސަ ވިދާޅުވިއެވެ.
ރޭގެ ޖަލްސާ ގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަސްލަމް ޝާކިރު އާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރުގެ އިތުރުން ތ. އަތޮޅުގެ ކުރީގެ މެންބަރު މުހައްމަދު (ސެންކޯ) ޝަރީފް އަދި އެމްޑީޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ވަހީދު ވެސް ވާހަކަފުޅު ދެއްކެވިއެވެ.
އަސްލަމްގެ ވާހަކަފުޅުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ، ޑީއާރުޕީ އަކީ ސިޔާސީ ޕާޓީ އެއް ނޫން ކަމަށާއި، ސިޔާސީ ޕާޓީ އެއްގެ ގޮތުގައި އެޕާޓީ ބެލެވެން އޮތީ އިންތިޚާބުވެފައިވާ ލީޑަރަކު ޑީއާރުޕީގައި ހުންނަވައިގެން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރު ބަދަލުވި ނަމަވެސް ބަދަލުނުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެގޮތުން އަދުލު އިންސާފުގެ ދާއިރާ އަދިވެސް ބަދަލުނުވާ ކަމުގައި ވިދާޅުވެ، އެދާއިރާ އޮތީ ވަރަށް ދޯހަޅިކޮށް ކަމުގައި އަސްލަމް ވިދާޅުވިއެވެ.