13 އެޕްރީލް 2010 (އަންގާރަ)
މިދިޔަ 2009 ވަނަ އަހަރު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އޯޑިޓް ރިޕޯޓް ފުރިހަމަ ނޫން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ ކޮށްފައިވާ ޖޫރިމަނާ އެކޮމިޝަނުން މިއަދު އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އެމްޑީޕީ އަށް ފޮނުވި ސިޓީ އެއް ގައިވާ ގޮތުން އެމްޑީޕީން 2008 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓުގައި ހިމަނާފައިނުވާ މައުލޫމާތުގެ ހިސާބުތަކާއި، އެހެނިހެން ލިޔެކިޔުންތައް، ހުށަހަޅާފައިވާ ރިޕޯޓުގައި ނެތަސް ޕާޓީގެ އޮފީހުގައި ފުރިހަމައަށް ހުރިތޯ ބެލުމަށާއި، ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ބަލަހައްޓާފައިވޭތޯ، ބެލުމަށް އެކޮމިޝަނުގެ 2 މުޥައްޒަފަކު އެމްޑީޕީ އޮފީހަށް ވަޑައިގެން ބެއްލެވި ބެއްލެވުމުން އެމްޑީޕީ އޮފީހުގައި ފައިސާގެ ހިސާބުތައް ރަގަޅަށް ބަލަހައްޓާފައިވާ ކަމަށާއި، އެކަމާ ގުޅުން ހުރި އެހެނިހެން ލިޔުން ހުރި ކަމަށް ފެންނާތީ އެކޮމިޝަނުން ކޮށްފައިވާ ޖޫރިމަނާ އަނބުރާ ގެންގޮސްފައިވާ ކަމުގައެވެ.
އޯޑިޓް ރިޕޯޓު ފުރިހަމަ ނުވާ ކަމަށް ބުނެ ޕީޕަލްސް ޕާޓީއާއި، މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހި ރައްޔިތުންގެ ޕާޓީއާއި، ޢަދާލަތު ޕާޓީއާއި، ޤައުމީ އިއްތިހާދާއި، ޖުމްހޫރީ ޕާޓީ ވެސް އިލެކްޝަންސް ކޮމިޝަނުން -/20,000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއާއި، މޯލްޑިވިއަން ނެޝެނަލް ކޮންގްރެސް، މިދެޕާޓީންކުރެ ކޮންމެ ޕާޓީއެއް -/30,000 (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ.