13 އެޕްރީލް 2010 (އަންގާރަ)
ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ބިލު ފާސްނުކޮށްފިނަމަ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު މަގާމުން ވަކިކުރައްވާނޭ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ދެއްވައިފިއެވެ. އެމަނިކުފާނު މިގޮތަށް އިޝާރާތް ކުރެއްވީ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެޕާޓީގެ އާންމު ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ޑީއާރުޕީން ޕްރޮވިންސް ހެދުމާ ދެކޮޅު ހަދަނީ “މާދަމާވެސް އެބޭފުޅުންނަށް (ޑީއާރުޕީ) އަށް ވެރިކަން ލިބިދާނޭ ކަމުގެ އުއްމީދުގައި، އެވެރިކަމުގެ ބާރެއް ހަނިވެދާނެތީ” ކަމުގައެވެ. މޫސަ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޕްރޮވިންސް ބިލު ދެވަނަ ފަހަރަށް ވެސް ބަލައިގަތީ ޕްރޮވިންސް އާ އެކުގައި ކަމަށާއި، ބިލު ފާސްވެގެން ވެސް އަންނާނީ ޕްރޮވިންސް އާ އެކުގައި މަމުގައެވެ.
މަޖިލީހުގެ ރައީސަކަށް ޢަބްދުﷲ ޝާހިދު އިންނަވައިގެން މަޖިލީހުގެ ކަމެއް ރަގަޅަށް ނުހިނގާނެ ކަމުގައި ވިދާޅުވަމުން ޕްރޮވިންސް ބިލު ފާސްކުރުމާއި ނުކުރުމުގައި އޮތީ ދެ ގޮތެއް ކަމަށާއި، އެއް ގޮތަކީ ސަރުކާރުން ލާމަރުކަޒީ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްކުރުން ކަމަށާއި، އެގޮތަށް ފާސް ނުވެއްޖެ ނަމަ ޑީއާރުޕީ އަށް މަޖިލީހުގެ ރައީސްގެ ގޮނޑި ގެއްލޭނޭ ކަމުގައި މޫސަ ވިދާޅުވިއެވެ.
ޤާނޫން އަސާސީން ޕްރޮވިންސް އުފެއްދުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވީ ނަމަވެސް މަޖިލީހުން ހަދާ ގަވާއިދެއްގެ ދަށުން ޕްރޮވިންސްގެ ކަންތައް ހިންގުމަށް ރައީސް ބޭނުންފުޅުވެލައްވަނީ އެމަނިކުފާނަށް ފަހު ވެރިކަމަށް އަންނަ ސަރުކާރަކުން، ރައްޔިތުންގެ ކިބައިން އެހައްގު ނިގުޅައިގެންފާނެތީ ކަމުގައި މޫސަ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޕްރޮވިންސް އުފެއްދުމުގެ ސަބަބުން ތަޢުލީމީ ދާއިރާ އަށް ލިބެމުންދާ ކުރިއެރުމާއި ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޝިފާ މުހައްމަދު ވަރަށް ތަފްޞީލްކޮށް ވާހަކަފުޅު ދެއްކެވިއެވެ.