އިންޑިއާގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް ގައި ތަމްރީން ވަމުންދާ ދަރިވަރުންގެ ވަފުދެއް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕާ ބައްދަލުކޮށްފި

12 އޭޕްރިލް 2010

އިންޑިއާގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް ގައި އިންޑިއަން ފޮރިން ސަރވިސް ޓްރޭނިންގ ފުރިހަމަ ކުރަމުންދާ ދަރިވަރުންގެ ވަފްދު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާ ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ އެމްޑީޕީ ސެކްރެޓޭރިއަޓް ގައެވެ.
މިވަފްދުގެ ބައިވެރިން ރާއްޖޭގެ ސިޔާސީ ހާލަތާއި، ރާއްޖޭގައި މިހާރު ހިނގަމުން މިދާ އިންތިޤާލީ މަރުހަލާ އާއި ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުވިއެވެ. މީގެއިތުރުން ސިޔާސީ، އިޖްތިމާޢީ އަދި ސިއްޚީ ދާއިރާއިން ރާއްޖެ ތަރައްޤީ ކުރުމަށް އެޅިފައިވާ ހުރަސްތަކާއި، ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބައެއް ބިލުތަކާއި ބެހޭގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިވަފްދުގެ ބައިވެރިންނަށް މައުލޫމާތު ދެއްވިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިބައްދަލުވުމުގައި އިސްވެރިއަކަށް އިންނެވީ އެ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރެވެ. އިންޑިއާ ވަފްދުގެ އިސްވެރިއަކަށް އިންނެވީ އިންޑިއަން ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ ޖޮއިންޓް ސެކްރެޓަރީ މިސްޓަރ ޕަރަމް ޖިތް މަން އެވެ.