ސިމްފަނީ ގެ ޑައިރެކްޓަރ އެމްޑީޕީގެ ރައީސް އާ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީ އަށް ކޮންމެ މަހަކު ވެސް ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް 10،000 ރުފިޔާ ހަދިޔާ ކުރާނަން – ޔާމީން

yaamin-1-225-x-153yaamin-225-x-232

ސިންފަނީ ޕްރައިވެޓް ލިމިޓެޑް އާއި ޖޭމިން ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ ޔާމީން ވަލީދު އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި މިއަދު ބައްދަލުކުރައްވައި އެޕާޓީއަށް ކޮންމެ މަހަކު ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރައްވާ ގޮތަށް ނިންމަވައިފިއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީގެ ސެކްރެޓޭރިއަޓް ގައި ބޭއްވި ބައްދަލުވުމުގައި ޔާމީން ވަލީދު ވިދާޅުވީ އޭނާ އަކީ 2006 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ މެންބަރެއް ކަމަށާއި، އަބަދުވެސް އެމްޑީޕީ އަށް ޚިދުމަތްކުރުމުގެ ޝައުގުވެރިކަން ހުންނަ ކަމަށެވެ. އަދި މިއަދު މި ބޭއްވި ބައްދަލުވުމަކީ ކޮންމެ މަހަކު ވެސް އެމްޑީޕީ އަށް ފައިސާގެ އެހީއެއް ފޯރުކޮށްދީ އެމްޑީޕީއަށް މެންބަރުން އިތުރުކޮށްދިނުމަށް ޔާމީން ވަލީދު އަމިއްލައަށް އިސް ނަންގަވައިގެން މަސައްކަތްތަކެއް ފައްޓަވާފައިވާ ކަން ޕާޓީގެ ސަމާލުކަމަށް ގެނެސް ޕާޓީއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާ ތަކަކީ ކޮބައިތޯ ބެއްލެވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
” އަޅުގަނޑު މިއަދު މިއައީ މުޅިން އަލަށް އެމްޑީޕީއާއި ގުޅޭ 4 މެންބަރުންގެ ފޯމު ވެސް ހިފައިގެން. އިރާދަ ކުރެއްވިއްޔާ ކައިރި މުސްތަޤްބަލެއްގައި މުޅިން އާ މެންބަރުންނާއެކު، އަޅުގަނޑުގެ ބެލުމުގެ ދަށުން އެމްޑީޕީގެ ގޮތްޕެއް އުފައްދާނަން. އަދި އެމެންބަރުންނަކީ ވެސް މީހުން ދަންނަ ދެކެފަރިތަ މޫނުތަކަކަށް ހެދޭތޯ އަޅުގަނޑު މަސައްކަތްކުރާނަން. އަދި މިއީ ފެށުމެއް. ކުރިޔަށް އޮތްތަނުގައި އެމްޑީޕީއަށް ހަމަ ވެވުނު ވަރަކުން މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭނަން.” ޒުވާން ވިޔަފާރިވެރިޔާ ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަން ލިބިގެން ނޫނީ އެކަށީގެންވާ ގޮތުގައި ޙަރަކާތްތެރިވެ ކުރިޔަށް ނުދެވޭނޭ ކަމަށާއި، އެހެން ކަމުން އޭނާ ގަބޫލުކުރާ ފިކުރެއްގެ ސިޔާސަތެއް ގެންގުޅޭ، ޑިމޮކްރަސީއަށް މަސައްކަތްކުރާ ޕާޓީއަކަށް ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަކީ އޭނާއަށް ލިބިލައްވާ އުފަލެއް ކަމުގައެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ވަނީ އެމްޑީޕީއަށް އިދާރީ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ މިފަދަ ދަނޑިވަޅެއްގައި ސިންފަނީގެ ޑައިރެކްޓަރ ވެދެއްވި އެހީތެރިކަމަށްޓަކައި، ވަރަށް ބޮޑަށް ޝުކުރުއަދާ ކުރައްވާފައެވެ.
ސިންފަނީ އަކީ މީގެ 15 އަހަރު ކުރިން ފެށިގެން މާލޭގައި ކޭޓަރިންގެ ޚިދުމަތް ދެމުން ގެންދާ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން ހިންގާ މަޝްހޫރު އެތައް ރެސްޓީޯރަންޓެއް މާލޭގައި ހިންގަމުން ގެންދެއެވެ. ޖޭމިންޕްރައިވެޓް ލިމިޓެޑް އަކީ ދަތުރުފަތުރުގެ ޚިދުމަތްދޭ ވަރަށް ޒުވާން ކުންފުންޏެކެވެ.