އެމްޑީޕީގެ ޗެއަރޕާސަން އެކަމަނާގެ ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައިފި

އިބްރާހީމް ރާމިޒް

31

މަޖިލިސް ޗުއްޓީ ދުވަސްވަރާއި ދިމާކޮށް، އެމްޑީޕީގެ ޗެއަރޕާސަން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އެކަމަނާގެ ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި އެ ދާއިރާގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާ ލައްވައިފިއެވެ.
މިގޮތުން އެމްޑީޕީގެ ޗެއަރޕާސަން މައްޗަންގޮޅީ އުތުރު ދާއިރާގެ ވަރަށް ގިނަ ގޭގެއަށް ޒިޔާރަތް ކުރައްވައި ވަކި ޕާޓީއެއްގެ މެންބަރުން އިސްތިސްނާ ނުވާ ގޮތުން އެދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، އެފަރާތްތަކުގެ ޝަކުވާތައް އަޑު އައްސަވައި އެއަޑުތައް ސަރުކާރާއި ހަމައަށް ފޯރުކޮށްދެއްވާނޭ ކަމަށް ވިދާޅުވި ކަމަށް އެމްޑީޕީން މައްޗަންގޮޅި އުތުރު ދާއިރާއަށް އަލަށް އިންތިޚާބުވި ރައީސް އިބްރާހީމް އަހުމަދު (މާލިމީ) ވިދާޅުވިއެވެ.
މާލިމީ އިބްރާހީމް އިތުރަށް ވިދާޅުވީ މާރިޔާ ކޮންމެ ފަހަރެއްގެ ވެސް މަޖިލިސް ބަންދު ދުވަސްވަރު އެ ދާއިރާގެ ގެތަކަށް ޒިޔާރަތް ކުރައްވައި އެދާއިރާގެ ރައްޔިތުންގެ ހާލުއަހުވާލި ބައްލަވާ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ބެލުމެއް ނެތި ވީހާވެސް ގިނަ ގެއަކަށް ޒިޔާރަތްކޮށް އެ ދާއިރާގެ ރައްޔިތުންގެ ބޭނުންތަކުގެ އަޑުއައްސަވާ ކަމަށް މާލިމީ އިބްރާހީމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ އަކީ ރައްޔިތުންގެ މަޖިލީހުގެ އެޕާޓީގެ މެންބަރުންގެ ތެރެއިން އެންމެ ފަރުވާތެރިކަމާއެކު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލުއަހުވާލު އޮޅުން ފިލުއްވަމުން ގެންދަވާ އެއް ފަރާތުގެ ގޮތުގައި ގިނަ މެންބަރުން ފާހަގަކުރެއެވެ. އެގޮތުން ޕާޓީގެ އޮފީހުގައި ވެސް މިހާތަނަށް މާރިޔާ ވަނީ މައްޗަންގޮޅީ އުތުރު ދާއިރާ އާއި، އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.