ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރު އިބުރާ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފި

އިބްރާހީމް ރާމިޒް

1

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ)، އަލުން އެޕާޓީއާއި ގުޅިވަޑައިގެންފިއެވެ.
މި ކަމަށްޓަކައި ރޭ އެމްޑީޕީން އާރޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ޖަލްސާ ގައި ވާހަކަ ދައްކަވަމުން އިބުރާ ވިދާޅުވީ އޭނާ ލިބަރަލް ޕާޓީ ދޫކުރައްވައި އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ” ދިވެހި ރައްޔިތުން ފަށާފައިވާ އިސްލާޙީ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އިޚްލާސްތެރިކަމާއެކު ބައިވެރިވާން ” ކަމަށެވެ.
ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރުކަން ވެސް ކުރައްވާ އިބުރާ ވިދާޅުވީ އެއްވެސް ކަމެއްގެ ދެބައިކުޅަ އެއްބައި ކުރުމަކީ އޭނާގެ މިޒާޖެއް ނޫން ކަމަށާއި، ވީހާވެސް މުރާލިކަމާއެކު ކަންތައް ނިންމެވުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެމްޑީޕީގެ ހަގީގީ ބާރަކީ އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތް ކުރުން ކަމަށާއި، ހެޔޮގޮތުގައި ބެލެނިވެރިކަން އަދާކުރުމަކީ މަގު އޮޅިގެން ދިޔަ ނުދީ ދެން އޮތް ޖީލަށް މި ޕާޓީ ގެންގޮސް ދިނުން ކަމަށް އިބުރާ ވިދާޅުވިއެވެ.
“ވެރިކަން ބޭނުމިއްޔާ ރައްޔިތުންނަށް ދުއްޕާން ކުރަން ނޫޅެ ރުއްސާން ” ނިކުތުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ގޮވާލައްވަމުން އިބްރާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ މާޒީގައި އެބައިމީހުން ފަތުރާފައިވާ އަނިޔާވެރިކަން ދެމެހެއްޓުމަށް ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން އިންސާނީ ކަރާމާތް ދެމެހެއްޓުމަށް މަސައްކަތްކުރާ ކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުން އިދިކޮޅު ފަރާތްތަކަށް މަޖިލީހުން ފުރުސަތު ދިނުމުން އެފަރާތްތަކުގެ މަސައްކަތަކަށްވީ ” މާޒީގައި ކޮނެފާހުރި ވަޅުތަކަށް ފަސްލާ ފޮރުވުން” ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ ޑީއާރުޕީން މަޖިލިސް މެދުވެރިކޮށް ކުރާ ކަންތައް ރަގަޅަށް އެނގޭ ކޮންމެ މީހަކުމެ، އެޕާޓީއަށް ވޯޓު ދެވުނީތީ ކަރުނައަޅާ ރޯނެ ކަމަށެވެ.
ރޭގެ ޖަލްސާގައި އިބުރާގެ އިތުރުން ސޯޝަލް ލިބަރަލަ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަތީފް އާއި، އަލްއުސްތާޛް ފައްޔާޒް އިސްމާއީލް އާއި، އަލްއުސްތާޛް އަހުމަދު ޢަބްދުﷲ އަފީފް އާއި ޙަސަން އިސްމާއިލާ އާއި ހުސައިން އިސްމާއީލް ވެސް އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. މީގެ އިތުރުން ޑީއާރުޕީގެ ދީނީ ގޮފީގެ ސެކްރެޓަރީ ޙުސައިން ޢަބްދުލް ވާހިދު އާއި ޑީއާރުޕީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާ ފިއުލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު ރަޝީދު ވެސް ރޭގެ ޚާއްސަ ޖަލްސާ ގައި އެމްޑީޕީ އަށް ސޮއިކުރެއްވިއެވެ.