އަޙްމަދު މައުރޫފް
ޑރ. އަޙްމަދު އަލީ ސަވާދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވުމުމަށްފަހު ބަންޑާރަ ނާއިބުކަމުގެ މަގާމު އަދާކުރުމުގެ އިތުރުން މިހާރު ރިޔާސީ ކޮމިޝަނުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ސަވާދު އެމްޑީޕީއާއި ގުޅިވަޑައިގެންނެވިކަން އިއުލާން ކުރައްވާފައިވަނީ ހޮނިހިރު ދުވަހު ހަވީރު ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ވެރިކަން ކުރާއެމްޑީޕީގެ ފަރާތުން ބޭވި ސުލްހަވެރި އެއްވުމުގައެވެ.
އެމްޑީޕީގެ އެންމެ އިސްލީޑަރ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވެސް ބައިވެރިވަޑައިގެންނެވި މި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ސަވާދު ވިދާޅުވީ ދިވެހި ޒުވާނުން 2008 ވަނައަހަރުގެ ރިޔާސީ އިންތިހާބާއި ކުރިމަތިލީ ޤައުމަށް ވަރަށް ބޮޑެތި އެހާމެ މުހިންމު ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އެއީ އިގްތިސާދީ، ސިޔާސީ އަދި އިޖްތިމާއީ ބަދަލުތަކެއް ކަމަށެވެ. އަދި މިބަދަލުތަށް ފުރިމަހަ ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ ކަންތަށްތަކެއް އެބަ ހުރިކަމަށާއި، އަދި އެމަސައްކަތުގައި ދިވެހި ޒުވާނުން ސާބިތުވެ ތިއްބެވުމަށް ސަވާދު އެދިވަޑައިގެންނެވިއެވެ.
ސާވާދު ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމާއި އެކު ރަނިންމޭޓަކަށް ވާދަކުރެއްވީވެސް ސަވާދެވެ.
ޑރ. ސަވާދު ފާހަގަ ކުރެވިފައިވަނީ އެމްޑީޕީގެ ފިކުރަށް ތާއިދުކުރައްވާ އަދި ސަރުކާރުގެ މާގާމުތަކުގެ މައްސޫލިއްޔަތު އަދާކުރެއްވުމުގައި އިހްލާސްތެރިކާމާއިއެކު މަސައްކަތް ކުރެއްވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރާއި ދިވެހިރައްޔިތުންގެ ގަދަރާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ޒުވާން ސިޔާސީ ސަހްސިއްޔަތެއްގެ ގޮތުގައެވެ.
މި އަހަރުގެ ކުރީކޮޅު ބޭއްވި ލޯކްލް ކައުންސިލް އިންތިހަބުގައި އެމްޑީޕީއަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ޑރ. އަޙްމަދު އަލީ ސަވާދަކީ އިންސާނީ ހައްޤުތަކާއި ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ.