އެމްޑީޕީ އިންތިޚާބުގެ މައްސަލަ ބަލާ ކޮމިޓީ ހޮވައިފި

އިބްރާހީމް ރާމިޒް

ކުރީގެ ހޮލިޑޭއިން ގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން - މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވަނީ ހަމައެކަނި މައްސަލަ ބަލާ ކޮމިޓީއެއް ނެގުން
ކުރީގެ ހޮލިޑޭއިން ގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން - މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވަނީ ހަމައެކަނި މައްސަލަ ބަލާ ކޮމިޓީއެއް ނެގުން

މި އެޕްރީލް މަހުގެ 30 ވާ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީ އިންތިޚާބު 2011 ގެ މައްސަލަ ބަލާ ކޮމިޓީ މިއަދު ހޮވައިފިއެވެ.
މިއަދު ހަވީރު 4.30 ގައި އެމްޑީޕީ ސެކްރެޓޭރިއަޓްގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ 89 ވަނަ ޖަލްސާއަށް ވަޑައިގެންނެވި މެންބަރުންގެ އަޤްލަބިއްޔަތު ލިބިގެން ހޮވި 5 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާ އާއި، ނިލަންދޫ ދާއިރާގެ އެމްޑީޕީ ރައީސް އިބްރާހީމް ޖިހާދު އާއި، މުލަކު ދާއިރާގެ އެމްޑީޕީ ރައީސް އަޙުމަދު ޝަފީޤް ގެ އިތުރުން ވިލިމާފަންނު ދާއިރާގެ އެމްޑީޕީ ރައީސް އަރުހަމް ޙުސައިން އެވެ.
މިއަދުގެ ޖަލްސާގައި މައްސަލަ ބަލާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމަށް ލިސްޓް ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން ތަފާތު 3 ލިސްޓެއް ހުށަހެޅިއެވެ. އެއީ މައްޗަން ގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ކުބޭ) ހުށަހެޅުއްވި ލިސްޓަކާއި، މާމިގިލީ ދާއިރާގެ އެމްޑީޕީ ރައީސް އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ހުށަހެޅުއްވި ލިސްޓަކާއި، ފުނަދޫ ދާއިރާގެ އެމްޑީޕީ ރައީސް މުޙައްމަދު ޝާހިދު ހުށަހެޅުއްވި ލިސްޓެކެވެ. މި 3 ލިސްޓުގެ ތެރެއިން 22 ވޯޓާއެކު ފާސްވެފައިވަނީ މާމިގިލީ ދާއިރާގެ އެމްޑީޕީ ރައީސް އިބްރާހީމް ރަޝީދު ހުށަހެޅުއްވި ލިސްޓެވެ.
33 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ
އެމްޑީޕީގެ ޗެއަރ ޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ.