ސަރުކާރުގެ ވަޒީފާއިން ވަކިވާން ބޭނުން ފަރާތްތަކަށް ބޮޑެތި ޢިނާޔަތްތަކެއް ދޭން ނިންމައިފި

ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވީއްލެން ބޭނުންވާ މުވައްޒަފުންނަށް ހިންގަވާ ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން އެމުވައްޒަފުންނަށް ޢިނާޔަތްތަކެއް ދެއްވައި، އެމުވައްޒަފުންނަށް ވަޒީފާއިން ވަކިވެވޭނެގޮތް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމަވައިފިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވީއްލެން ބޭނުންވާ މުވައްޒަފުންނަށް، މިހިންގަވާ ޕްރޮގްރާމްގެ ދަށުން މުވައްޒަފުންނަށް ހަތަރު ގޮތެއް އިޚްތިޔާރު ކުރެވޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ފުރަތަމަ ގޮތަކީ، މި ޕްރޮގްރާމްގެ ދަށުން އެއްވެސް ޢިނާޔަތަކާ ނުލައި ވަޒީފާއިން ވީއްލުމެވެ. ދެވަނަ ގޮތަކީ، ގަނޑުކޮށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ލިބޭގޮތަށް ވަޒީފާއިން ވީއްލުމެވެ. ތިންވަނަ ގޮތަކީ، ގަނޑުކޮށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ލިބޭގޮތަށް އަދި ސަރުކާރުން ހިންގާ މެދު އަދި ކުދި ފަންތީގެ ވިޔަފާރި ލޯން ޕްރޮގްރާމްގައި ބައިވެރިވުމަށް އިސްކަން ލިބޭނެ ގޮތަށް ވަޒީފާއިން ވީއްލުމެވެ. މިގޮތް ޚިޔާރު ކުރެވޭނީ، ޢުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މުވައްޒަފުންނަށެވެ. ހަތަރުވަނަ ގޮތަކީ، ގަނޑުކޮށް ދެލައްކަ ރުފިޔާ ލިބޭގޮތަށް އަދި ސަރުކާރުން ހިންގަވާ ސްކޮލަރޝިޕް ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އިސްކަން ލިބޭގޮތަށް ވަޒީފާއިން ވީއްލުމެވެ. މިގޮތް ޚިޔާރު ކުރެވޭނީ، ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މުވައްޒަފުންނަށެވެ.

މި ޕްރޮގްރާމްގެ ދަށުން ދެއްވުމަށް ކަނޑައަޅުއްވާފައިވާ ޢިނާޔަތްތަކާއެކު، ވީއްލުމަށް އެދި ހުށަހެޅޭނީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށާއި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން ވަޒީފާ ދެއްވާފައިވާ މުވައްޒަފުންނަށެވެ. މި ޕްރޮގްރާމްގެ ދަށުން ވީއްލުމަށް އެދޭ މުވައްޒަފަކީ، ޢުމުރުން 55 އަހަރުން މަތީގެ މުވައްޒަފެއްނަމަ، ޢިނާޔަތް ދެވޭނީ، ޢުމުރުން 55 އަހަރުވުމުން، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ދޫކޮށްލާ މީހުންނަށް ޢިނާޔަތް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުންނެވެ. ޤާނޫނު ނަންބަރު 76/29ގެ ދަށުން ވަކިމުއްދަތަކަށް ސަރުކާރަށް ޚިދްމަތް ކުރަންޖެހޭ މުވައްޒަފަކަށްވެސް، މި ޕްރޮގްރާމްގެ ދަށުން ޢިނާޔަތްތަކާއެކު ވަޒީފާއިން ވީއްލިދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ވަޒީފާއިން ވީއްލުމަށް އެދޭ މުވައްޒަފަކީ، ކޯހަށް ހިނގި ޚަރަދު ނުވަތަ ކޯހަށް ހިނގި ޚަރަދުގެ އިންސައްތައެއް ސަރުކާރަށް ދައްކާ ގޮތަށް ކޯސް ފުރިހަމަކޮށްފައިވާ މުވައްޒަފެއްނަމަ، ސަރުކާރާއެކު އެއްބަސްވެފައިވާ ގޮތުގެ މަތިން، އެފައިސާ ސަރުކާރަށް އަނބުރާ ދައްކަން ޖެހޭނެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ވީއްލޭ މުވައްޒަފުންނަށް ކުރިއަށް އޮތް ތިން އަހަރު، ދައުލަތުގެ އަދި ސަރުކާރު ޙިއްޞާވާ އެއްވެސް ކުންފުންޏެއްގެ ވަޒީފާއަކަށް ނުދެވޭނެއެވެ.

ވަޒީރުންގެ މަޖިލީހުން މި ނިންމެވި ގޮތުގެ މަތިން، ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވީއްލެން ބޭނުންވާ މުވައްޒަފުން ޢަމަލު ކުރައްވަންވީގޮތް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން މިއަދު އިޢްލާނު ކުރައްވާނެއެވެ. އަދި އެފަދަ މުވައްޒަފުން ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަކޮށް، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމިނިސްޓްރީއަށް ހުށަހަޅަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.