ސިޔާސީ ޕާޓީތަކުން ވަކިވާން އެދޭ ފަރާތްތަކުން މިއަންނަ މަހުން ފެށިގެން އެކަން އެޕާޓީއަކަށް ހުށައަޅާގޮތަށް ނިންމައިފި

އިބްރާހީމް ރާމިޒް

ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުން ޕާޓީން ވަކިވާން ބޭނުންނަމަ އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ބަދަލުގައި، މިއަންނަ މަހުން ފެށިގެން އެމީހަކު ރަޖިސްޓްރީ ވެފައިވާޕާޓީއަކަށް ހުށަހަޅާ ގޮތަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިއްޔެ އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ދަފްތަރު ބެލެހެއްޓުމަކީ އެ ޕާޓީއެއްގެ ކަމެއް ކަމަށާއި، ޕާޓީއަށް ވަންނަ ފަރާތްތަކާއި ޕާޓީން ވަކިވާ ފަރާތްތަކުގެ ސައްޙަ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ އެ ޕާޓީއަކުން ކަމަށެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވާ ގޮތުގައި ސިޔާސީ ޕާޓީއަކުން ވަކިވާން އެދޭ ނަމަ އެކަން ހުށަހެޅުމުން މިހާތަނަށް ވެސް ދަފްތަރުން އުނިކޮށްދީފައިވާނެ ކަމަށާއި އެކަމަކު އަންނަ މެއި މަހުން ފެށިގެން ސިޔާސީ ޕާޓީތަކުން ވަކިވުމަށް އެދި ހުށަހަޅާ ސިޓީ ބަލައިނުގަންނާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ
އެހެން ނަމަވެސް މުހިންމު ބޭނުމަކަށްޓަކައި ޕާޓީއަކުން ވަކިވާނ އެދޭ ފަރާތްތަކުން އެ ޕާޓީއަކަށް ހުށަހަޅައިގެން ވެސް ޕާޓީން ވަކިކޮށްދިނުން ލަސްވުން ފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ އެކަމެއް ބަލައި ފިޔަވަޅު އަޅާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.