ފުނަމާ
ދިވެހި ރާއްޖެއަކީ މިވަޒަނުގައި މީހުންދިރިއުޅޭތާ ތިންހަތަރުހާސް އަހަރުވެފައިވާ ހަޟާރަތެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭތާ ތިންހާސް އަހަރަށްވުރެ އިތުރުވެފައިވާ ކަމުގެ ހެކިތައް މިރާއްޖެއިންވެސް ފެނިފައިވެއެވެ. ދުނިޔޭގެ މަދު ޤައުމުތަކަށް މެނުވީ ލިބިފައި ނުވާފަދަ އެތައް ކަންތައްތަކެއް އަޅުގަނޑުމެންގެ މިންވަރުން އަޅުގަނޑުމެންނަށް ލިބިފައިވާކަން ގަބޫލު ކުރާން ޖެހެއެވެ. އެގޮތުން ތާރީޚު އެނގޭންނެތް ޒަމާނުއްސުރެ އަޅުގަނޑުމެންނަކީ އަމިއްލަ އަކުރަކާ އަމިއްލަ ބަހެއް މިލްކުވެގެންވާ ބަޔަކީމެވެ. އެކުވެރިކަމާ ހިތްހެޔޮ ކަމުގެ ރިވެތި މިސާލު ދައްކަމުން އަންނަ ބަޔަކީމެވެ.
ތެދެކެވެ. ދުނިޔޭގެ މުއްސަނދި ގައުމުތަކުގައި އެވާހާ ގިނަ އިގްތިސާދީ ވަސީލަތްތަކެއް އަޅުގަނޑުމެންގެ ނެތެވެ. ނަމަވެސް ނަފްސުގެ މުއްސަނދިކަމަކީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ވާރުތަކޮއްފައިވާ މިލްކެކެވެ. ލިބޭމިންވަރަކުން ފުއްދާލައިގެން އަމިއްލައަށް ކުރިއަރައިދާ ބައެއްކަމުގައި އަޅުގަނޑުމެން ވީމުއެވެ. ތާރީޚު އެފުށް މިފުށަށް ޖެހިޔަސް އެއްވެސް ޒަމާނެއްގައި ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ދުޅަހެޔޮކަމާއި ހަމަހަމަކަން ދިވެހި ރައްޔިތުންނަށް ލިބިދިން ޒަމާނެއް އެނގޭން ނެއް ނަމަވެސް ބޭރުބައެއްގެ އަޅުވެތި ކަމުގެ ތެރެއަށް ދިވެހިރާއްޖެ ގެންދިޔަ ކޮންމެ ފަހަރަކުމެ ދިވެހީންގެ ތެރެއިން ބަތަލުންތަކެއް އުފެދި ރާއްޖެ ސަލާމަތް ކޮއްދީ އަނބުރައި ދިވެހީންނާއި ހަވާލުކޮއްދީފައި ވާކަން ތާރީޚުން އެނގެއެވެ.
ދިވެހީންގެ ރަސްކަމުގެ ތާރީޚުނިމި ޖުމްހޫރިއްޔާ އުފެދި ވެރިކަން ކުރުމުގެ ނިޒާމަށް ބަދަލުތަކެއް އައިނަމަވެސް ޒަމާންވީ ވެރިކަމުގެ އަބުއިކަމާއި ރައްުޔިތުންގެ ކުރިއެރުމަށް ސީދާގޮތެއްގައި މަސައްކަތް ކުރެވެމުންދިޔަ ތަންފެނިގެން ގޮސްފައެއް ނުވެއެވެ. ރައްޔިތުންނާ ވެރީންނާއި ދެމެދު އޮންނަ ހުރަސްތައް ވަރުގަދަވެ ވެރިކަމުގެ ފަރާތުން ކުރާކޮންމެ އަނިޔާ އަކީވެސް ނިޔާ ކަމުގައި ވެފައި އޮތް ދުވަސްތައް މިއަދު މިވަނީ މާޒީއަށް ދޫކޮށްފައި ކަމުގައި ދަންނަވަން ކެރިދާނެއެވެ. މީގެކުރީން ވެރިކަމެއް ބަދަލުވާ ހިނދު ކުރީގައި ބާރުގައި ތިބިހާބަޔަކު އަނބިދަރީން ނާއި އެކު މަގުމަތިކުރި ކުރުން މިއަދު މިވަނީ މިގައުމުން ނައްތާލެވިފައެވެ. މިއަދުވެސް ބޭރު ގައުމުތަކުން އެމަންޒަރު އެދަނީ ފެނިހާމަވަމުން ނެވެ. މިސުރުގެ ހާލަތު މިސާލަކަށް ނެގިދާނެއެވެ.
ދިވެހި ރާއްޖެ އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށޭ ބުނެ އަޅުގަނޑުމެން ތެދުވީ ތޯތޯ ކުޅިވަރަކަށް ނޫނެވެ. އަޅުގަނޑުމެންގެ މަދުބަޔަކު ނުކުމެ ކުރި ހިއްވަރާއި މިންނަތް ފެނި އެކަކު އަނެކަކުގެ ކިބައިން ހިއްވަރު ލިބިގަނެގެން ދިވެހި ވެރިކަމުގެ ކިއްލާއިން އަނިޔާވެރިކަން ނެރެ މަގުމަތި ކުރި ކުރުމަކީ މުޅިދުނިޔެ މިއަދު އަޅުގަނޑުމެންގެ ކިބައިން ނަމޫނާ ލިބިގަންނަ ކަމެކެވެ. ރާއްޖޭގެ މުޅި ނިޒާމުގެ ނަގުލުން ފެށިގެން ބޮލާހަމަޔަށް އަޅުގަނޑުމެން ބަދަލުގެނައީ ވިސްނުންތެރިކަމާއި ހިކްމަތްތެެރިކަމާއި، އެހާމެ ކެއްތެރިކަމާ އެކުގައެވެ. ވެރިކަމުގެ އަސަރުހިނގާ މަގަކުން ހަލުއި ފިޔަވަޅެއްގައި އާންމު ރައްޔިތަކު ހިނގާފައި ދިއުންވެސް ޖަރީމާއެއް ކަމުގައި ބަލަމުންއައި ނިޒާމު ބަދަލު ކޮއްލީ ކޮންފަދަ ގޮތަކަށް ކިހިނެއް ކީއްވެގެންކަން އަޅުގަނޑުމެން އެންމެ ހިނދުކޮޅަކަށްވެސް ހަނދާނުން ފޮހެލައިގެން ނުވާނެއެވެ. އަދި މިނިޒާމު އުފައްދައި ކޮންމެ ރައްޔިތަކު އެމީހެއްގެ ހިތުން ރުހުމުން ބުނާން ބޭނުންވީ ކޮންމެ ބަހެއް ބުނުމުގެ މިނިވަންކަން ހޯދައިދީ ކުރީގެ އަނިޔާވެރި ކަމުގެ ފަތްފުށްތައް ހަނދާނުން ފޮހެލައި މާޒީގެ ފަހަތުން ނުދުވެ މިނިޒާމު ވަރުގަދަކޮށް އަމަލާ ބަހުން މިކަން ދިވެހި އެންމެހާ ރައްޔިތުންނަށް ސާބިތު ކޮއްދެވޭތޯ އަޅުގަނޑުމެންގެ މިސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކަށް ވާގިވެރިވެދޭން މިތިބީ ހަމަ އަޅުގަނޑުމެންނެވެ. މިއަދު ސިޔާސީ ވާދަވެރީންގެ ގޮތުގައި އަޅުގަނޑުމެންނާއި ވާދަކުރާން ދަނޑީގެ އަނެއް ފަޅީގައި މުޅީންމެ އެތިބީ އަނިޔާވެރި ހުކޫމަތުގެ މޭސްތިރީންނާއި އެމީހުން ދިން ނާށިގަނޑު ލޮންނާންތިބި މީހުންނެވެ. އެމީހުންގެ އަތުން ފިރާލެވުނު ބާރުވެރިކަމާ އަބުއި ކަމުގެ ސަބަބުން މިއަދު ލަދުން ލޯނުދިލި މިއަދުގެ މަންޒަރުތައް ހަމަޔައް ބަލާނުލެވި އެވެރީން ތިބޭއިރު ނަސީބުން މިމަންޒަރުގެ ފުރިހަމަކަން ދައްކަވާ ކޮންމެ މީހަކުމެ މިއަދު އެއަންނަނީ އަޅުގަނޑުމެންނާއި ބައިވެރިވެ ފައިހަމަ ކުރަމުން އިޚްލާސްތެރި ކަމާއެކުގައެވެ. ޣީރަތްތެރި ކަމުގައި ހިތާއި ޒަމީރު ފަސާދަވެފައިވާ މީސްތަކުން އެމީހުންގެ އެކަކު އަނެކަކުގެ ގައިގައި ދަތްއަޅައި ވީދަމުން މަސްކަމުން ގެންދާ މަންޒަރު މިއަދުވެސް މިދަނީ ފެނި ހާމަވަމުންނެވެ.
އާދޭހެވެ. އަޅުގަނޑުމެން މިކުރި މަސައްކަތްތަކުގެ ހެޔޮދަރުމަ މިއަދާ މާދަމާވެސް މިގޮތުގައި ދާއިމްވެ އޮތުމަށް އަޅުގަނޑުމެން އެދޭނަމަ ދެގޮތެއްނުވެ އަޅުގަނޑުމެން އުފެއްދި އެމްޑީޕީގެ އަސާސްތަކުގެ މަތީގައި އަބަދުމެ ސާބިތުވެ ތިބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަޅުގަނޑުމެން އެކަކު އަނެކަކާމެދު ހިއްބަރު ކުރުމެއްނެތި އަޅުގަނޑުމެންގެ ޔާރުންނާއި ، ހަތުރުންނާ މެދުވެސް ރިވެތި ގޮތުގައި މުއާމަލާތް ކުރުމީ އަޅުގަނޑުމެންގެ އުސޫލުކަމުގައި ބަލައިގެން ކުރިއަށް ދިއުން މުހިންމެވެ. މިޕާޓީގެ ކުރިމަގު އުޖާލާ ކޮއް ކުރިއަރައި ދިއުމުގައި އަމިއްލަ އެެދުމުން ދުރުވެތިބެ އިޚްލާސްތެރި ނިޔަތަކާއެކު މިންނެއް މަސައްކަތް ކޮއްގެން މެނުވީ އަޅުގަނޑުމެންގެ މިކާމިޔާބު ނުދެމެހެއްޓޭނެކަން ދަންނާން ޖެހޭނެއެވެ. މަޤާމެއްގެ ދަހިވެތި ކަމެއްގައި އަނެކުން އެއުޅޭހެން އަޅުގަނޑުމެންގެ އެކަކު އަނެކަކާ ކުރިމަތިލައި އުޅޭން ވެއްޖެނަމަ އަނެއްކާވެސް އަޅުގަނޑުމެން ދުރުހެލިވަމުން މިދާ އަނިޔާވެރި ސަޤާފަތް އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ ފަހަތުން ފަހާދުވެ އައިސްދާނެކަން ގަބޫލު ކުރައްވާށެވެ. މިޕާޓީގެ ކޮންމެ މެންބަރަކުވެސް ހެޔޮހިތުން މިޕާޓީއަށްޓަކައި މިއަދު ކޮއްނުދެވުނު ޚިދުމަތެއް މާދަމަޔަކު ކޮށެއް ނުދެވޭނެއެވެ. އެކަން ދަނެ މިޕާޓީ އަކީ އަޅުގަނޑުމެންގެ ފަޚުރުކަމުގައި ދެކިގެން މިގައުމަށް ޚިދުމަތް ކޮއްދިނުމުގެ ހެޔޮނިޔަތުގަައި ކޮންމެ ބޭފުޅަކުވެސް އިޚްލާސްތެރި ކަމާއެކު މަސައްކަތްކޮށް ކުރިއަރައި ދާށެވެ. އަޅުގަނޑުމެންގެ ކޮންމެ މެންބަރަކީވެސް އަޅުގަނޑުމެންގެ ފަޚުރެއް ކަމުގައި ހެޔޮހިތުން ޤަބޫލު ކުރައްވާށެވެ.