މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް – މޫސަ

އިބްރާހީމް ރާމިޒް

haruge-moosa-450-x-338

މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވީ އަނެއް ދިވެހި ރާއްޖެއަށް ދިއުމަށް އެމްޑީޕީން ފަށާފައިވާ ދަތުރުގައި ރިޔާ ނަގައި، އެރިޔަލުގައި ވައިއަޅުވާފައިވާ ކަމަށާއި، މި ދަތުރުގައި މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރޭގެ ޖަލްސާގައި މޫސަ އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރު އައިއިރު ނިކަމެތި ހާލުގައި އާދައިގެ ބައިސްކަލެއްގައި އުޅުނު ކިތަންމެ ބަޔަކު އެސަރުކާރު ފެއިލްވި އިރު ބޮޑެތި މަހުޖަނުންނަށް ވެފައިވާ ކަމަށެވެ. އަދި މިފަދަ ފަރާތްތަކުން ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުކޮށްފައިވުމީ މިއަދު ޑޮލަރުގެ ތާށިކަން ކުރިމަތިވެގެން އުޅޭ ސަބަބުކަމަށް ވެސް މޫސަގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން 2008 ވަނަ އަހަރު އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން ގިނަ ޑޮލަރު ރާއްޖެއިން ބޭރުކޮށްފައިވަނީ ރިޔާސީ އިންތިޚާބު ނިމި ރައީސް ނަޝީދު ހުވާކުރެއްވުމާ ދެމެދު ކަން ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ފާހަގަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި މޫސަ ދެއްކެވި ވާހަކަފުޅުގައި މި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމަށާއި، އެގޮތުން ރާއްޖޭގައި އެންމެ އާދައިގެ ވަޒީފާތަކުގައި އުޅޭ ބިދޭސީން ވެސް ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ރޭގެ ޖަލްސާގައި ބ.ދަރަވަންދޫގައި އެމްޑީޕީގެ އިތުރު ގޮތްޕެއް ހެދުމަށް އެރަށުގެ 50 މީހުންގެ މެންބަރޝިޕް ފޯމު އެމްޑީޕީއާ ހަވާލުކުރުން ވެސް އޮތެވެ. މި ފޯމުތަކާ ރަސްމީ ގޮތުން ހަވާލުވެ ވަޑައިގެންނެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި، އެމްޑީޕީގެ އަމީން އާންމު ޙަސަން ޝާހް އެވެ.