ރައީސުލްޖުމްހޫރިއްޔާ ގދ.ގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގދ.ގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ވަޑައިގެން، ތިނަދޫގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ކުރެއްވުމާބެހޭގޮތުން ރަށު ކައުންސިލާއެކު މަޝްވަރާތައް ބަދަލުކުރައްވާނެއެވެ.

މިގޮތުން، ތިނަދޫގައި ހަދަމުންދާ ބަނދަރަށް ބަދަލުތަކެއް ގެނައުމަށް ރަށު ކައުންސިލުން ހުށަހަޅުއްވާ ކަންކަމާމެދު އެ ކައުންސިލާ މަޝްވަރާ ކުރެއްވުމުގައި، ތިނަދޫގެ ބަނދަރު ހެދުމުގައި މިހާތަނަށް މެދުވެރިވެފައިވާ ހުރަސްތައް ކަޑައްތުކޮށް އަދި ކައުންސިލްގެ އެދުމުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ބައްލަވާނެއެވެ.

ބަނދަރުގެ މައިގަނޑު މަސައްކަތާއެކު، ތިނަދޫގެ ބަނދަރު މަތީ ސަރަޙައްދު ތަރައްޤީ ކުރުމަށް އެކި ޕްރޮގްރާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާބެހޭގޮތުންވެސް ތިނަދޫ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ. މީގެތެރޭގައި، ސަރުކާރުން ހިންގަވާ ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، ތިނަދޫ ބަނދަރަކީ، ވިޔަފާރިއާއި ދަތުރުފަތުރަށް މަގުފަހި ކޮށްދޭ ބަނދަރަކަށް ހެއްދެވުމަށްޓަކައި، ތިނަދޫ ބަނދަރުމަތީގައި ވަސީލަތްތައް ޤާއިމު ކުރެއްވުން ހިމެނެއެވެ. އަދި މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތަކާއި، ތިނަދޫއާއި، އެ ސަރަޙައްދުގެ އުފެއްދުންތައް ވިއްކުމަށްޓަކައި ލޯކަލް މާރުކޭޓާއި، ފެރީ ޓަރމިނަލާއި، ވިޔަފާރި އަދި މަސްވެރި ބަނދަރަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް ތިނަދޫ ބަނދަރުމަތީގައި ޤާއިމު ކުރެއްވުންވެސް ހިމެނެއެވެ.

ތިނަދޫގެ ތަރައްޤީގެ މައިގަނޑު އެއް މަޝްރޫޢު ކަމުގައިވާ އެރަށުގެ ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ލޯންގެ ވަސީލަތް މެދުވެރިކޮށް ފައިސާ ހޯއްދެވުމުގެ ބަދަލުގައި، ޔޫޓިލިޓީ ކުންފުންޏަށް އެ ފައިސާ ބޭންކު މެދުވެރިކޮށް ލިބިދިނުމަށްޓަކައި، ސަރުކާރުން ގެރެންޓީ ދެއްވާގޮތަށް މިހާރުވަނީ ހަމަޖައްސަވާފައެވެ.

ހަމައެހެންމެ، ތިނަދޫގައި ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ހަތަރު ކިލޯމީޓަރުގެ މަސައްކަތްވެސް، ފައިސާދޭ ބައިނަލްއަޤްވާމީ އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދެވުމުގެ ބަދަލުގައި، އެކަމަށް ބޭނުންވާ ޚަރަދުތައްވެސް ސަރުކާރުގެ ގެރެންޓީއާއެކު، ބޭންކުން ޔޫޓިލިޓީ ކުންފުންޏަށް ލިބިދެވޭނެ އިންތިޒާމް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިކަންކަމުގެ މަޝްވަރާތައްވެސް، ތިނަދޫ ކައުންސިލާއެކު، ރައީސުލްޖުމްހޫރިއްޔާ، މިދަތުރުފުޅުގައި ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.

ތިނަދޫގައި ރައްކާތެރި ސާފުބޯފެން ދޫކުރުމުގެ މަސައްކަތްތައް މިހާރު އެކަމުގެ އެންމެފަހު މަރުޙަލާގައިވުމާއެކު، މިކަންކަމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ތިނަދޫ ކައުންސިލާއެކު ޚިޔާލު ބަދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިނަދޫގެ އިތުރުން، މަޑަވެއްޔަށާއި ހޯނޑެއްދުއަށް ޒިޔާރަތްކުރައްވައި، އެ ދެރަށުގެ ތަރައްޤީއާގުޅޭ ކަންކަމާބެހޭގޮތުން އެ ދެރަށުގެ ކައުންސިލާ ބައްދަލުކުރައްވައި، މަޝްވަރާ ބަދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރަޙައްދުތަކުގެ އަތޮޅު އަދި ލޯކަލް ކައުންސިލްތަކުން ބަލަހައްޓަވާނެ މަސައްކަތްތަކާގުޅޭ ސަރުކާރުގެ އިސްވެރިންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަންނީ މުވައްޒަފުން އަދި ވެރިކަންކުރާ ޕާޓީ، އެމްޑީޕީ.ގެ އިސްވެރިންނާއި، އެ ސަރަޙައްދަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.