މެންބަރުންގެ ޚިޔާލު: އިންތިޚާބީ ބައިބައިވުން އުފެދުނަ ނުދިނުމަށް ސަމާލުވާން ޖެހެއެވެ!!!

ފުނަމާ

އެމްޑީޕީ މާލެ ސިޓީ ޕްރައިމަރީގައި ބަޔަކު ވޯޓުލަނީ ..
އެމްޑީޕީ މާލެ ސިޓީ ޕްރައިމަރީގައި ބަޔަކު ވޯޓުލަނީ ..

އެމްޑީޕީއަކީ އަބަދުވެސް ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ މަތިން އިންތިޚާބުތައް މެދުވެރިކޮށް އެޕާޓީގެ އެކި ގުނަންތައް ހިންގާނޭ އާރުކާޓީން އުފަންކުރުވަމުންދާ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެންމެ ޑިމޮކްރެޓިކް ޕާޓީއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މިދިޔަ އަހަރު ފަހުކޮޅު ބޭއްވުމަށް ފަހު މިހާރު އެޕާޓީން ތައްޔާރުވަމުން އެދަނީ ޕާޓީގެ އިސް މަގާމުތަކުގެ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. އިދިކޮޅު ފަރާތްތަކުން އެތިބީ އިނގިލި ތަކުކުރިޔަށް ބާރުލައިގެންނެވެ. މިއިންތިޚާބަކީ ގައިމުވެސް ވާދަވެރި އިންތިޚާބަކަށް ވެގެން ދާނެކަން މިހާރުވެސް ޔަޤީން ވެގެން މިދަނީ މިއިންތިޚާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ އަދަދަށް ބަލާލުމުންނެވެ.
އެމްޑީޕީއަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ ހީވާގި ވަރަށް ގިން ފަރާތްތަކެއްގެ އިޚްލާސްތެރި މަސައްކަތްތައްކަމާމެދަކު ޝައްކެއްވެސް ނެތެވެ. އެތައް ޑިކޭޑް އަކަށް ދެމިގެންދިޔަޚުދުމުޚުތާރު އަނިޔާވެރި ވެރިކަމެއް ދުނިޔެއަށް ލާމަސީލު ފުރިހަމަ ނަމޫނާއެއް ދެއްކުމަށްފަހު ބަދަލު ކުރުމަކީ ގައިމުވެސް ފިސާރި ބަޔަކަށް މެނުވީ ކުރެވޭނޭ ކަމެއް ނޫނެވެ. އެކަން މިވަނީ އެމްޑީޕީގެ އުމުރުން އެންމެ ހަތަރު އަހަރުގެ ތެރޭގައި ކޮށް މުޅި ދުނިޔެއަށް ދައްކާފައެވެ. އެކަމައް ބޭނުންވާ ހުރިހާ ހުރަހެއް ކަނޑައްތުކޮށް އެމްޑީޕީ ކުރިހޯދި ނަމަވެސް މިކަން ދެމެހެއްޓުމުގައި ވަށައިގެން އެތަކެއް ގޮންޖެހުންތައް ހުރިކަން މިއަދު ޤަބޫލު ކުރާން ޖެހެއެވެ.
ޝަރުއީ ދާއިރާއިންނާއި ކުރީގެ އަނިޔާވެރިކަމުގެ ސަޤާފަތް ދެމެހެއްޓުމަށާ މިކަމަށް ވާގިދޭން އެނބުރި ކުރީގެ މަގައް ރުޖޫއަވަމުން ގެންދާ ފަރާތްތަކުން ކުރިމަތިކުރަމުންގެންދާ ގޮންޖެހުންތަކައް ބަލާލާއިރު އެމްޑީޕީން މިކަމުގައި މިހާރަށް ވުރެ ބޮޑަށް ވިސްނައި ހޭލައި ތިބޭން މިވަނީ ޖެހިފައެވެ. ކުރިމަގުގައި ކުރިމަތިވެގެން އަތުވެދާނޭ ކޮންމެ ކަމަކަށް ފިސާރި ވިސްނައި ތިބޭން ޖެހޭނެއެވެ.
ޕާޓީގެ މިމުހިންމު އިންތިޚާބަކީވެސް އެހެނިހެން މިފަދަ އިންތިޚާބުތަކެކޭ އެއްފަދައިން ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަށް ވާދަވެރިކަމާއި ޓްރާންސް ޕެރަންޓް ގޮތެއްގައި ހިނގައި ނިމިގެން ދާނޭ އިންތިޚާބަކަށް ހެދުމަށް އެމްޑީޕީގެ އެންމެހާ މެންބަރުން ފުރިހަމަ ޒިންމާއެއް އަދާކުރާން މިވަނީ ޖެހިފައެވެ.
މިވަގުތަކީ އިދިކޮޅު ފަރާތްތަކުން ވަރަށް ސަމާލުވެ މިޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ފޫގަޅައި ފައިގެ އިނގިލިތަކުގެ ކުރިއަށް ބާރުލައިގެން ތިބިވަގުތެއް ކަން ވިސްނައި އިންތިޚާބާ ގުޅިގެން މިޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނޫފެދޭނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.