ނޫސް ބަޔާން: އެމްއެމްއޭގެ ގަވަރުނަރު ވަކިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ގޮވާލުން

ނޫސްބަޔާން

މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރގެ މަގާމުގައި ހުންނެވި އަލްފާޟިލް ފަޒީލް ނަޖީބު، އެބޭފުޅާގެ ޤާނޫނީ ވާޖިބުތައް އަދާކުރެއްވުމުގައި ތަކުރާރުކޮށް އިޙުމާލުވެފައިވާތީ، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981)ގެ 6 ވަނަމާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަލްފާޟިލް ފަޒީލް ނަޖީބު އެމް.އެމް.އޭ.ގެ ގަވަރުނަރ ކަމުގެ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާއެރުވުމަށް އެދި މިމައްސަލަ މިގުރޫޕްގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފީމެވެ.

މައްސަލައިގެ ތަފްސީލް

ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981)ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.)ގެ ގަވަރނަރު ޢައްޔަންކޮށް ވަކިކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލް ޖުމްހޫރިއްޔާކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން 22 އޮކްޓޯބަރ 2008 ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްފާޟިލް ފަޒީލް ނަޖީބު އެމް.އެމް.އޭ.ގެ ގަވަރނަރ ކަމުގެ މަޤާމަށް ހަމަޖައްސާވާފައިވެއެވެ.

ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981)ގެ 7 ވަނަމާއްދާގެ (1)ވަނަ ނަންބަރުގައި އާއި 20 ވަނަމާއްދާގެ (2) ވަނަ ނަންބަރުގައި، އޮތޯރިޓީ ދުވަހުން ދަވަހަށް ހިންގާ، އޮތޯރިޓީގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާއި، ނިންމުންތަކާއި، މަސައްކަތުގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އޮތޯރިޓީ ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެއޮތޯރިޓީގެ އެއްމެއިސްވެރިޔާގެ ހައިޞިއްޔަތުން ގަވަރނަރ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ގަވަރނަރ އަކަށް ހުންނަ ފަރާތަކީ އެއްވެސް އެހެންވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކޮށް ހަމައެކަނި އޮތޯރިޓީގެ މަސައްކަތަށް ޚާއްޞަވެގެން ހުންނަފަރާތަކަށްވުމަށް އެޤާނޫނު ލާޒިމް ކުރެއެވެ. ނަމަވެސް، އަލްފާޟިލް ފަޒީލް ނަޖީބު އިގިރޭސިވިލާތުގައި ކިޔަވާވިދާޅުމުން ގެންދަވާތީ، ގިނަ ވަގުތު ހޭދަކުރައްވަނީ ދިވެހިރާއްޖެއިން ބޭރުގައިކަން ފާހަގަކުރެވެއެވެ. އަދި، ޤާނޫނުގައި ބަޔާންވެގެންވާ ގޮތަށް، އެމް.އެމް.އޭ.ގެ މަސައްކަތަށް ޙާއްޞަވެގެން އެބޭފުޅާއަށް ނުހުންނެވޭކަމާއި، ވަޒީފާއަށް ދެއްވަންޖެހިވަނޑައިގަންނަވާ ވަގުތާއި ސަމާލުކަން ނުދެއްވޭކަމާއި، އަހަރުގެ ގިނަ ދުވަހަކީ އޮފީހަށް ވަޑައިނުގަންނަވާ ދުވަސްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981)ގެ 7 ވަނަމާއްދާގެ (1)ވަނަ ނަންބަރުގައި އާއި 20 ވަނަމާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަޤްޞަދުތަށް އަލްފާޟިލް ފަޒީލް ނަޖީބު ގަވަނަރގެ މަޤާމުގައި ހުންނަވައިގެން ހާޞިލުނުކުރެވޭކަން ފާހަގަކުރެވެއެވެ.

ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981)ގެ 6 ވަނަ މާއްދާގެ (12) ވަނަ ނަންބަރުގައި އެންމެމަދުވެގެން ކޮންމެ ތިން މަހަކުން އެއްފަހަރު އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބާއްވަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މިމާއްދާގެ ބޭނުމަށްޓަކައި ހަދާފައިވާ އެމް.އެމް.އޭ.ގެ ހިންގާ ގަވާއިދާ އެއްގޮތަށް އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކަށް ބޯޑުގެ ޗެއަރ ގެ ހައިސިއްޔަތުން އެމް.އެމް.އޭ.ގެ ގަވަރނަރ އަލްފާޟިލް ފަޒީލް ނަޖީބު ގިނަފަހަރަށް ހާޒިރުވެނުލައްވާކަމާއި، އަދި ގިނަ ބައްދަލުވުންތަކުގައި ޗެއަރ ގެ މަޤާމު އަދާކުރައްވަނީ ޑެޕިއުޓީ ގަވަރނަރ ކަންވެސް ފާހަގަކުރެވެއެވެ.

ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981)ގެ 4 ވަނަމާއްދާގައި އެމް.އެމް.އޭ.ގެ މައިގަނޑު މަޤްޞަދުތަށް ބަޔާންކޮށްފައިވެއެވެ. މިމަޤްޞަދުތަށް ޙާޞުލުކުރުމަށްޓަކައި ގަނވަރނަރގެ ހައިޞިއްޔަތުން އަލްފާޟިލް ފަޒީލް ނަޖީބް މަސައްކަތް ކުރައްވާފައިވާކަމާމެދު ސުވާލު އުފެދެއެވެ. އަދި، ބޭންކިންގ އާއި މަނިޓަރީ މުޢާމަލާތާބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާދެއްވަން، ޤާނޫނު، ގަވަރނަރއަށް ލާޒިމު ކުރިކަމުގައިވީނަމަވެސް، ސަރުކާރަށް ލިބެންވާ ލަފައާއި އިރުޝާދު ސަރުކާރަށް، އަލްފާޟިލް ފަޒީލު ނަޖީބުގެ ފަރާތުން ލިބެމުން ނުދާކަން ފާހަގަކުރެވެއެވެ.

ބޭރުފައިސާ ލިބުން ދަތިވެފައިވާ މައްސަލައަށް ލުއެއް ހޯދުމަށް އެމް.އެމް.އޭ.ގެ ގަވަނަރނަރ އަލްފާޟިލް ފަޒީލް ނަޖީބް އެއްވެސް މަސައްކަތެއްކުރައްވާފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި، ސަރުކާރުން އެމައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ނުދެއްވާކަންވެސް ފާހަގަކުރެވެއެވެ. މިގޮތުން، އެމައްސަލަ ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން އެމް.އެމް.އޭ.އަށް 10 ނޮވެމްބަރު 2010 ދުވަހު ލިޔުއްވުމުން، އެސީޓީއަށް ޖަވާބެއް ދެއްވާފައި ނުވާކަމާއި، 16 ޖަނަވަރީ 2011 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ދެވަނަ ފަހަރަށް އެމް.އެމް.އޭ.އަށް ލިޔުއްވުމުން، އެސިޓީއަށް އަލްފާޟިލް ފަޒީލް ނަޖީބު ޖަވާބު ދެއްވާފައި ވަނީ 10 ފެބްރުއަރީ 2011 ދުވަހުކަން ކަންފާހަގަކުރެވެއެވެ. އަދި އެބޭފުޅާ ދެއްވި ޖަވާބުގައި މައްސަލަ ވަގުތުން ވަގުތަށް ޙައްލުކުރުމަށް އެބޭފުޅާއަށް ފެނިވަނޑައިގަންނަވާގޮތުގައި އެޅިދާނެ ފިޔަވަޅަކާގުޅޭގޮތުން ލަފަޔެއް އަރުވާފައެއްނުވެއެވެ. މީގެއިތުރުން، އެމް.އެމް.އޭ.ގެ ގަވަނަރ އަލްފާޟިލް ފަޒީލް ނަޖީބު ކަންކަންނިންމުމާއި ލަފާދެއްވުމުގައި ވިސްނުން ގެންގުޅުއްވަނީ ޓެކްނިކަލް އަދި ޕްރޮފެޝަނަލް ގޮތެއްގައިނޫންކަމާއި، އެބޭފުޅާ ކަންކަން ނިންމަވަނީ ސިޔާސީ ވިސްނުމާއި ނުފޫޒުގެ މައްޗަށް ބިނާކޮށްކަން ފާހަގަކުރެވެއެވެ.

ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981)ގެ 6 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (ބ) ގެ ދަށުން އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރައްވާފައި ހުންނެވި ބޭފުޅާ އެމަޤާމުން އިސްތިޢުފާ ދެއްވުމުން، އެމް.އެމް.އޭ.ގެ ގަވަރނަރ އަލްފާޟިލް ފަޒީލް ނަޖީބު އެކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައިނުވާކަން ފާހަގަކުރެވެއެވެ. އަދި، 18 މެއި 2009 ދުވަހު އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެންނަވަން އެޤާނޫނުގެ 6 ވަނަ މާއްދާގެ (4) ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެމް.އެމް.އޭ.ގެ ގަވަރނަރ އަލްފާޟިލް ފަޒީލް ނަޖީބުގެ ލަފާފުޅަކަށް އެދި ފޮނުއްވެވި ސިޓީއަށް އެމަނިކުފާނު ޖަވާބެއް ދެއްވާފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި، އެސިޓީއަށް އެއްވެސް ޖަވާބެއް ނުދެއްވުމުން، 1 އޭޕްރީލް 2010 ދުވަހު އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑު ބަދަލުކުރެއްވުމަށް ދެވަނަ ފަހަރަށް ސިޓީ ފޮނުއްވުމުން، އެސިޓީއަށްވެސް އެމް.އެމް.އޭ.ގެ ގަވަރނަރ އަލްފާޟިލް ފަޒީލް ނަޖީބު ޖަވާބު ދެއްވާފައެއްނުވެއެވެ. ބޯޑުގެ މައްސަލައިގައި އެމް.އެމް.އޭ.ގެ ގަވަރނަރ އަލްފާޟިލް ފަޒީލް ނަޖީބު ރައީސުލްޖުމްހޫރިއްޔާ އަށް ޖަވާބުދެއްވާފައިވަނީ ހަމައެކަނި 8 ޑިސެމްބަރު 2010 ދުވަހު ފޮނުއްވެވި ސިޓީއަށެވެ. ސަރުކާރުގެ ފަރާތުން އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމަށް ތަކުރާރުކޮށް ނަން ހުށަހެޅުމުންވެސް އެކަން ގަވަރނަރ ހަމަޖައްސަވާ ދެއްވާފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން، އިޤްތިޞާދީ އަދި މާލީ ޗެލެންޖްތަށް ދިމާވެފައިވާ ދަޑިވަޅެއްގައި ރާއްޖޭގެ މިފަދަކަންކަމާއި ބެހޭ އެއްމެއިސް މުއައްސަސާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގާނޫނީ އަދަދު ހަމަނުވެ ގިނަދުވަސްތަކަކަށް ދިގުދެމިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، އެމް.އެމް.އޭ.ގެ ގަވަނަރ އަލްފާޟިލް ފަޒީލް ނަޖީބު، އެ އޮތޯރިޓީގެ ކްރެޑިޓްކާޑު ބޭނުންފުޅު ކުރައްވައިގެން އަމިލައް ޚަރަދުކުރައްވާފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ.

ނިންމުން

މަތީގައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް މަނިޓަރީ އޮތޯރިޓީގެ ގަވަނަރގެ މަގާމުގައި ހުންނެވި އަލްފާޟިލް ފަޒީލް ނަޖީބު، އެބޭފުޅާގެ ޤާނޫނީ ވާޖިބުތަށް އަދާކުރެއްވުމުގައި ތަކުރާރުކޮށް އިޙުމާލުވެފައިވާކަމަށް މިގުރޫޕަށް ފެނުނުހިނދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981)ގެ 6 ވަނަމާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަލްފާޟިލް ފަޒީލް ނަޖީބު އެމް.އެމް.އޭ.ގެ ގަވަރނަރ ކަމުގެ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާއެރުވުމަށް އެދި މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް 9 މާޗް 2011، 4 ރަބީޢުލްއާޙިރް 1432 ވީ ބުދަދުވަހު ރައްޔިތުނަގެ މަޖިލީހަށް ހުށަހެޅީމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް އޮފީސް
މޫސާ މަނިކު،
އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ