އެމްޑީޕީ އިންތިޚާބުގެ ފައިނަލް ކެންޑިޑޭޓް ލިސްޓް ދެ ދުވަހެއްގެ ތެރޭގައި އާންމުކުރާނެ – އިންތިޚާބާއި ބެހޭ ކޮމިޓީ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ 2 ވަނަ ކޮންގްރެސްގައި އެޕާޓީގެ އިސްވެރިން .. މި ފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ވަރަށް އިސް ބޭފުޅުން ވާދަކުރައްވާ
އެމްޑީޕީގެ 2 ވަނަ ކޮންގްރެސްގައި އެޕާޓީގެ އިސްވެރިން .. މި ފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ވަރަށް އިސް ބޭފުޅުން ވާދަކުރައްވާ

އެމްޑީޕީގެ އިސް މަގާމުތަކަށް މީހުން އިންތިޚާބުކުރުމަށް މިއަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓެއް އެޕާޓީގެ ވެބްސައިޓްގައި ރޭ އާންމުކޮށްފައިވީ ނަމަވެސް އެލިސްޓަކީ ޑްރާފްޓް ލިސްޓެއް ކަމަށާއި އެލިސްޓަށް ބަދަލުއައުން އެކަށީގެންވާ ކަމަށާއި، އެޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރެވޭ ވަރު ވާނޭ ކަމަށް މި އިންތިޚާބުގެ ކަންތައް ބަލަހައްޓާ އެމްޑީޕީގެ ގައުމީ އިންތިޚާބާއި ބެހޭ ކޮމިޓީން ހާމަކޮށްފިއެވެ.
އެކޮމިޓީގެ މެންބަރަކު އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ” މިހާރު ޕާޓީ ސައިޓްގަ އާންމުކޮށްފައި އެވަނީ ފައިނަލް ލިސްޓެއް ނޫން. އޭގެ ތެރޭގަ ސިޓީއާއެކު ހުށަހަޅަން ޖެހޭ ފުރިހަމަ މައުލޫމާތާއި ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތައް ވެސް އެބަތިބި. އެހެން ވީމަ އަޅުގަނޑުމެން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ސިޓީލުމުގެ މުއްދަތު ހަމަވާތާ 3 ދުވަސް ތެރޭގަ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް އާންމުކުރާއިރު އެފަދަ ފަރާތްތަކެއް ނުހިމެނޭނެ އެލިސްޓަކު”
އެމްޑީޕީގެ އަސާސީ ގަވައިދުގައި އެޕާޓީގެ ރައީސާއި، ނައިބު ރައީސް އަދި ގައުމީ ޗެއަރޕާސަން އިންތިޚާބުކުރުން ބަޔާންކުރާ އެ އަސާސީ ގަވައިދުގެ 95 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ” ޕާޓީގެ މެންބަރުންގެ ތެރެއިން ޕާޓީގެ މިމަގާމްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެކަމުގެ ފުރުސަތު، އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން، ހުޅުވާލަން ވާނެއެވެ. އަދި މި މަޤާމްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އިއުލާންކުރާތާ 7 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން ޕާޓީގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. މުއްދަތު ހަމަވުމަށްފަހު ކުރިމަތިލާފައިވާ ފަރާތްތައް 3 ދުވަހުގެ ތެރޭގައި އިއުލާންކުރަން ވާނެއެވެ.”
އެމްޑީޕީ އިންތިޚާބު 2011 އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާރޗް 1 ން 8 އަށެވެ. އެހެން ކަމުން އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އެންމެ ލަސްވެގެން މި މާރޗް މަހުގެ 11 ވަނަ ދުވަހު އިއުލާންކުރަން ވާނެއެވެ.
މި އިންތިޚާބުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރާނީ ސިޓީލާ ތަރުތީބުން ކަމަށް ވެސް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ބުނެއެވެ. އެ ގަވައިދުގައިވާ ގޮތުން މިއިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ އެންމެ ފަހުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކެންޑިޑޭޓުންގެ ނަމާއި، ސިޓީލާ ތަރުތީބުން ލިބޭ ކެންޑިޑޭޓް ނަންބަރާ އެކީ ޕާޓީގެ ވެބްސައިޓްގައި ހާމަކުރަން ވާނެއެވެ. ،