ބައެއް ކައުންސިލްތަކުގެ އިންތިޚާބު އަލުން ބާއްވައި ބައެއް ވޯޓުފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީން އެދިއްޖެ

– 18 އަހަރުން ދަށުގެ ކުޑަކުއްޖަކުލައްވާ ވޯޓުލައި، ކެންޑިޑެންސީ ބާތިލްކުރި ބައެއް ކެންޑިޑޭޓުންގެ ނަން ވޯޓުކަރުދާހުން އުނިނުކޮށް ވޯޓުލާފައިވޭ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޑެޕއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިމްތިޔާޒް
އެމްޑީޕީގެ ޑެޕއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިމްތިޔާޒް

މިދިޔަ ހޮނިރު ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބައެއް ކައުންސިލްތަކުގެ ވޯޓާ ގުޅިގެން އިންތިޚާބުގެ ނަތީޖާއަށް ބަދަލުތަކެއް އަތުވެދާނޭ ފަދަ ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާތީ ބައެއް ކައުންސިލްތަކުގެ ވޯޓުލުން އަލުން ބާއްވައި ބައެއް ވޯޓުފޮށިތައް އަލުން ގުނުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދެފިއެވެ.

އެމްޑީޕީގެ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިމްތިޔާޒް (ގައްދޫ އިންތި) ވިދާޅުވީ ” އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރާފަދަ ވަރަށް ގިނަ ޝަކުވާ އަޅުގަނޑުމެންނަށް ވަނީ ލިބިފަ. މިހާތަނަށް 1000 އަށް ވުރެ ގިނަ ޝަކުވާ ލިބިފަހުރި އިރު އޭގެ ތެރެއިން ހަމަ ގިނަ ޝަކުވާތަކަކީ މިއިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ މައްސަލަތައް. އަޅުގަނޑުމެން މިހާރުވާނީ މިފަދަ ޝަކުވާތައް އިލެކްޝަންސްގެ ޝަކުވާފޯމް މެދުވެރިކޮށް އެކޮމިޝަނަށް ހުށަހަޅާފަ. އެފޯމުގަ އަޅުގަނޑުމެން އެދިފަވާނެ ބައެއް ދާއިރާތަކުގަ މި އިލެކްޝަންސް އަލުން ބާއްވައި، ބައެއް ފޮށިތަކުގެ ވޯޓު އަލުން ގުނުމަށް. މާދަމާ އަޅުގަނޑުމެން ރަސްމީކޮށް ސިޓީއަކުން މިކަމަށް އެދޭނަން”

އިންތި އިތުރަށް ވިދާޅުވީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ކަމަށްވާ ލ.ދަނބިދޫ މީނާޒް އިބްރާހީމް ޝިހާމް ލައްވައި ވޯޓުލާފައިވާ ކަމުގެ ޝަކުވާއާއި މާލެ ސިޓީން އެމްޑީޕީއަށް ކާމިޔާބުނުވި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާއިން ދައްކާ ގަލޮޅު ދެކުނު ދާއިރާއަށް ވޯޓުލާން ޖެހޭ ގ.ހެޕީހައުސްގެ އެންމެން ވޯޓުލުމަށް އިލެކްޝަނުން ރަޖިސްޓްރީކޮށްފައި އޮތީ މެދު ހެންވޭރު ދާއިރާއަށް ކަމަށެވެ.

މީގެ އިތުރުން ވެސް އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެންސީ ބާތިލްކޮށްފައިވާ ބައެއް ކެންޑިޑޭޓުންގެ ނަންތައް ވޯޓު ކަރުދާސްކޮޅުން އުނިނުކޮށް ހުރުމުން އެ ބޭފުޅުންގެ ނަމާ ދިމާލުގައި ބައެއް ފަރާތްތަކުން ފާހަގަ ޖެހުމުގެ ސަބަބުން އެކައުންސިލްތަކަށް ވާދަކުރެއްވި އެމްޑީޕީގެ އެހެން ކެންޑިޑޭޓުންގެ ވޯޓުތައް ވެސް ބާތިލް ވެގެން ދިޔުމުގެ ޝަކުވާ އެޕާޓީއަށް ލިބިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

މި އިންތިޚާބަކީ ” ޒިންމާދާރުވެރިންނާ ވޯޓު ފޮށިތައް ހަވާލުކޮށް، ވަކި ސިޔާސީ ޕާޓީއަކަށް ބާރުތަކެއްދީގެން ކުރިޔަށް ގެންގޮސްފައިވާ އިންތިޚާބެއް” ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިންތި ވިދާޅުވިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޒިންމާދާރުކަންކުޑަ އަމަލުތަކުގެ ސަބަބުންނާއި އިލެކްޝަންސް އޮފިޝަލުން ވަކި ފަރާތަކަށް ބުރެވެ ތިބެ ހިންގި ނާއިންސާފު އަމަލުތަކުގެ ސަބަބުން ހއ.ކެލާ، ރ.އުނގޫފާރު، ނ.މިލަދޫ، ނ. މަނަދޫ ލ.ގަން، ލ.މާބައިދޫ، ގދ.ފަރެސްމާތޮޑާ އަދި ފުވައްމުލަކުގެ ނަތީޖާއަށް ބަދަލު އަތުވެދާނޭ ފަދަ ޝަކުވާތައް އެމްޑީޕީއަށް ލިބިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިޚާބު ނިމި 3 ދުވަސް ފާއިތުވެގެންދާއިރު ވެސް ބައެއް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ނުވާތީ މިކަމަކީ ވޯޓުގެ ނަތީޖާ އޮޅުވާލުމަށް މަގުފަހިވެގެންދާނޭ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.