ތޮއްޑޫގެ ޑީއާރުޕީ މެންބަރަކު ކަނޑުއަޑީގައި އެމްޑީޕީއަށް ސޮއިކޮށްފި

އިބްރާހީމް ރާމިޒް

މެދު އުތުރު ޕްރޮވިންސްގެ އއ.ތޮއްޑޫ ޑީއާރުޕީގެ މެންބަރަކު މިއަދު ކަނޑުއަޑީގައި އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީ ތޮއްޑޫ ދާއިރާއިން މައުލޫމާތުދޭ ގޮތުގައި މިއަދު ކަނޑުއަޑީގައި ސޮއިކުރީ އެރަށު ފިތުރޯނުގޭ ހުސައިން ޝިޔާދު (26) އެވެ.
ފުލްމޫނު ބީޗް ރިސޯޓްގެ ފަރު (ފުރަނަފުއްޓަރު) ކައިރިން 25 މީޓަރު އަޑީގައި ހުސައިން ޝިޔާދު ސޮއިކުރީ 3 ހެކިވެރިންގެ ހާޒިރުގައެވެ. އަދި ޝިޔާދު ކަނޑުއަޑީގައި އެމްޑީޕީއަށް ސޮއިކުރި މަންޒަރުގެ ވީޑިއޯ މި ވެބްސައިޓަށް ވަނީ ލިބިފައެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ޝިޔާދު ވިދާޅުވީ ” އެމްޑީޕީ ސަރުކާރުން އޯގާތެރި ދައުލަތެއްގެ ގޮތުގަ ރާއްޖެ ހިންގަމުންދާ ކަމަށް ގަބޫލުކުރެވި، ރައީސް ނަޝީދު ގައުމު ހިންގަވަން ރެޔާ ދުވާލު ކުރައްވާ ބުރަ މަސައްކަތްޕުޅާ، މިކަހަލަ ބައިވަރު ރަގަޅު ސިފަތައް ރައީސްގެ ފަރާތްޕުޅުން ވެސް ފެންނަން ފެށީމަ، އެމްޑީޕީއާ ގުޅެން ބޭނުންވެފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ. އެހެން ހުއްޓާ އެއް ދުވަހަކު ފީނަން ހަމަ ކަނޑުއަޑީގަ އޮވެފަ ހިތަށް އެރީ ފީނާ މީހަކަށްވާތީ ކަނޑުއަޑީގައޭ އެމްޑީޕީއަށް ސޮއިކުރާނީ ވެސް.”
މިއީ ރާއްޖޭގައި މިހާތަނަށް ކަނޑު އަޑީގައި ޕާޓީއަކަށް ސޮއިކުރި ފުރަތަމަ ފަހަރެވެ. މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިން ފަހު ޖަލްސާގައި އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވެސް ވަނީ މިކަން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.