ބާރަށުގެ ކުޅިތަކާއި ބިމާއި ބޮޑު ފަޅާއި ބާރަށު ރައްޔިތުންނަކީ ބޮޑު ނިޢުމަތެއް – ރައީސް

ބާރަށަކީ ޤުދުރަތީ ވަޞީލަތްތައް ނުހަނު ގިނަ ރަށެއްކަމަށާއި، ބާރަށުގެ ކުޅިތަކާއި، ބިމާއި، ބޮޑު ފަޅާއި، ބާރަށު ރައްޔިތުންނަކީ ބޮޑު ނިޢުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު، ބާރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ވަޞީލަތްތަކުގެ ބޭނުން ހިފައިގެން ބާރަށް ބަދަލުކޮށްލެއްވި ދާނެކަމުގައި ވިދާޅުވިއެވެ.

ބާރަށުގެ ކުޅިތަކާއި، އެރަށުގެ އެހެންވެސް ވަޞީލަތްތައް އިތުރަށް ބޭނުންކޮށްގެން ހިންގޭ މަޝްރޫޢުތައް ހިންގެވުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ގުޅިގެން، ބާރަށުގައި ހިންގަވާ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ބާރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް އެކަށައަޅުއްވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން، މިއަހަރު ތެރޭގައި އެރަށުގެ ނަރުދަމާ ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އަދި އެ މަސައްކަތް ވާރކްސް ކޯޕަރޭޝަނާ ހަވާލުކުރެއްވުމުގެ ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވާ ކަން ހާމަކުރެއްވިއެވެ.

އަދި ބާރަށުގެ ބަނދަރު ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތެއް ހޯއްދަވައި ލަފާފުރުމުގައި ފަސޭހަގޮތެއް ހޯއްދަވައިދެއްވުމަށްޓަކައި، އެ ރަށުގައި ވަރަށް ބޯޑުކޮށް ޓީ-ޖެޓީއެއް ހެދުމުގެ ފައިސާ މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހައިހޫނު ކަމާއެކު ހާސްކަން މަތީ އުޅެންޖެހޭހާ ހިނދަކު ރަށެއް ތަރައްޤީ ނުވާނެ ކަމަށާއި، އެކަމާ އެކު ސަރުކާރުން ހިންގަވަން ފެށްޓެވި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމަކީ، ޤައުމު ތަރައްޤީ ކުރުމަށް އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުން ބޭސްސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ދަށުން، ބާރަށުގެ 245 ރައްޔިތަކު މަދަނާގައި ރަޖިސްޓްރީވެ، އަދި ދޮށީ އުމުރުގެ ރައްޔިތުންނަށް ދެއްވާ ދެ ހާސް ރުފިޔާގެ ޕެންޝަން ބާރަށުގެ 72 މީހަކަށް ލިބެމުން ދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެއްވުމަށް ސަރުކާރުން ކޮންމެ މަހަކު ދެއްވާ ފައިސާ ބާރަށުގެ އިޤްތިޞާދުގައި ދައުރުވާން ފެށުމާއެކު އެރަށު ރައްޔިތުން ކަންމަތީ ސްޓޯރަށް ދަރާފައިވާ ދަރަނިވެސް ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބާރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިހާރުވަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް ވަޑައިގެންފައެވެ. އެ ރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.