ނޫސް ބަޔާން: ލޯކަލް ކައުންސިލް އިންތިޚާބަށް އެމް.ޑީ.ޕީ ޓިކެޓް ދީފައިވާ ދާއިރާތަކަށް އަމިއްލަ ގޮތުން ނިކުތް އެމް.ޑީ.ޕީ މެމްބަރުންނާއި ބެހޭ

ތާރީޚް: 23 ޖަނަވަރީ 2011 (އާދިއްތަ)

މި ޕާރޓީގެ ފަރާތުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކައުންސިލް ތަކަށް މި ޕާރޓީގެ ޓިކެޓްގައި ކެންޑިޑޭޓުން ނެރެފައެވެ. މިދެންނެވި ގޮތަށް ކެންޑިޑޭޓުން ފުރިހަމައަށް ނެރެފައި ވާ ދާއިރާތަކަށް ޕާރޓީގެ މެމްބަރުންގެ ގޮތުގައި ތިބެ ޕާޓީއާއި އިދިކޮޅަށް ނިކުތް ކެންޑިޑޭޓުންނާއި ދޭތެރޭ މި ޕާރޓީގެ އަސާސީ ޤަވާޢިދުގެ 114 ވަނަ މާއްދާގެ ށ ގެ ދަށުން ތިރީގައި މިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅުމުން، އެމައްސަލަތައް ބެއްލެވުމަށްފަހު އެމްޑީޕީގެ މެމްބަރެއްކަމުގައިވާ މއ.ބޯޅަކިންކިރިމާގެ އާއިޝަތު ޝެރިން އެމްޑީޕީން ވަކިކުރުމަށް ފިޔަވަޅުއަޅާ ކޮމެޓީއިން ނިންމަވައިފިއެވެ.

މިގޮތަށް ފިޔަވަޅުއަޅާ ކޮމިޓީން ނިންމެވީ، މައްޗަންގޮޅީ ދެކުނުދާއިރާގެ ޕާޓީޓިކެޓް މއ. ގޮމަށިގޭ ސަރަނގު އާދަމްމަނިކަށް ޕްރައިމަރީއަކުން ލިބިވަޑައިގަނެފައިވަނިކޮށް އެމްޑީޕީގެ މެންބަރަކަށް ހުރެ މއ. ބޯޅަކިންކިރިމާގެ އާއިޝަތު ޝެރީން ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އެދާއިރާއަށް ކުރިމަތިލުމާއި، އެމްޑީޕީއާއި ޕާޓީގެ ކެންޑިޑޭޓްގެ އަބުރާއި އިއްޒަތަށް ބުރޫއަރާގޮތަށް ހަޤީގަތާއި ޚިލާފުވާހަކަތައް އާންމުކޮށް މީހުންގެ ގާތުގައާއި، މީޑިޔާތަކުގައި ދެއްކުމާއި އެދާއިރާގެ ރައްޔިތުންގެ ގޭގެއަށްގޮސް ދަށްފެންވަރުގެ ބަހުރުވައިން މިޕާޓީގެ ކެންޑިޑޭޓާއި ޕާޓީއަށް ނިސްބަތްވާގޮތަށް ތަކުރާރުކޮށް ދައްކަމުން ގެންދާތީއެވެ. އަދި މިއީ ޕާޓީ ނިޒާމާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކަނޑައެޅިގެން ހުރަސްއަޅާކަމަކަށް ވީތީއެވެ.

މީގެއިތުރުން ވިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅިފައިހުރި ޕާޓީގެ މެންބަރުންގެ މިފަދަ އެހެން މައްސަލަތައްކަށްވެސް ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ގޮތެއް ނިންމަވާ އާންމުކުރައްވާނެއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް