އެމްޑީޕީން އަރިއަތޮޅުގައި ހަރަކާތްތެރިވާ ވަފްދު އެއަތޮޅުގެ 5 ރަށަކަށް ޒިޔާރަތްކޮށްފި

އދ.ދަނގެތިން އިބްރާހީމް ރާމިޒް

އަރިއަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެމްޕެއިން ވަފްދު މިއަދު އެއަތޮޅު ދެކުނު ބުރީގެ 5 ރަށަކަށް ޒިޔާރަތްކޮށް އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް އެޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތްކޮށްފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިސްކޮށް ހުންނަވާ މި ވަފްދު މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއަތޮޅު މަންދޫއަށެވެ. އެރަށަށް މި ވަފްދުގެ ބޭފުޅުން ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބައެއް ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްލަވާލެއްވިއެވެ. އެއަށްފަހު މި ޓީމްގެ ބޭފުޅުން ދެން ވަޑައިގެންނެވީ މިއަތޮޅު ފެންފުއްޓަށެވެ، ފެންފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކައިގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ. އަދި ކުރީގެ ސަރުކާރާއި މި ސަރުކާރާއި ހުރި ތަފާތަކީ މި ސަރުކާރަކީ އިދިކޮޅު ފަރާތްތަކުގެ ހުރަސްތަކާ ފިއްތުންތަކާ އެކު ވެސް ވައުދުފުއްދުމަށް މަސައްކަޔްކުރާ ޕާޓީއަކަށްވުން ކަމަށް ވިދާޅުވިއެވެ.
ފެންފުއްޓަށްފަހު މާމިގިލި، ދިއްދޫ، ދިގުރަށް އަދި ދަނގެއްޗަށް މި ވަފްދުގެ ބޭފުޅުން ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރެއްވިއެވެ. އަދި މާމިގިލީގައި އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވުން އޮތެވެ.
މި ވަފްދުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ އިތުރުން، އެގްރޫޕްގެ ނައިބު ލީޑަރު މުޙަންމަދު އަސްލަމް އާއި، މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުހަންމަދާއި، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި މެދުއުތުރު ޕްރޮވިންސްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އިބްރާހީމް ރަޝީދު ވެސް ބައިވެރިވެވަދައިގަންނަވައެވެ.