31 މާރޗް 2010
މި ދުވަސްކޮޅަކީ ސިޔާސީ ގިނަ ކުރިމަތިލުންތައް ހިނގަމުންދާ ދުވަސް ކޮޅެއް ކަމަށާއި، ޑިމޮކްރަސީއެއްގެ އިންތިގާލީ މަރުޙަލާގައި މިފަދަ ކުރިމަތިލުންތައް ހިންގާނަމަ އެ ޑިމޮކްރަސީ ބިނާ ކުރުމުގައާއި ޑިމޮކްރަސީގެ އިތުބާރު އަށަގެންނެވުމުގައި ހުރަސްތަކެއް ކުރިމަތިވާނޭ ކަމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެންބަރުން ވިދާޅުވެއްޖެއެވެ. އީޔޫގެ މެންބަރުން މިގޮތަށް ވިދާޅުވީ އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
މިބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެޕާޓީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުގެ އިތުރުން އެގްރޫޕްގެ 2 ވިޕުން ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި ސ.ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މީގެ އިތުރުން އެމްޑީޕީގެ ފަރާތުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު އާއި ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އީޔޫގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮޅުނބުގައި ހުންނަވާ އީޔޫގެ އެމްބެސެޑަރު ބާރނާޑް ސަވެޖް އާއި ޑޭވިއަޑް ޓިއަރ އެވެ.
މިބައްދަލު ވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި ރިޔާސީ އަދި ބަރުލަމާނީ ސިފަޖެހިފައިވާ ކަމަށާއި، މިހާރު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ވަޒީރަކު ރަގަޅަށް ކަމެއް ކޮށްފިނަމަ އިދިކޮޅު ފަރާތްތަކުން ބަލަނީ އެބޭފުޅަކާއި މެދު އިތުބާރުނެތް ކަމުގެ ވޯޓު ނެގޭތޯ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޢީމްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގެ ކަންތައް ހިނގައިދިޔަ ގޮތާއި ބެހޭ ގޮތުން އީޔޫގެ ބޭފުޅުންނަށް މަޢްލުމާތު ދިނުމުގެ އިތުރުން ކުރީގެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ތަޙްޤީޤް ނުކުރެވި ލަސްވުމުގެ ސަބަބުން ރައްޔިތުން އެމްޑީޕީއަށް ޕްރެޝަރު ކުރާ މައްސަލައަށް މާރިޔާ އަލިއަޅުވާލެއްވިއެވެ.
ބައްދަލުވުން ނިންމާލައްވަމުން އީޔޫގެ ބޭފުޅުން ވިދާޅުވީ ކާމިޔާބު އިންތިޤާލީ މަރުޙަލާއެއް ނިންމާލުމަކީ އޭޝިޔާގެއިތުރުން މުޅި ދުނިޔެއަށްވެސް ރީތި މިސާލެއްގެ ގޮތުގައި ހާމަވެގެންދާނެ ކަމެއް ކަމުގައެވެ.