ފޮނަދޫގައި އެމްޑީޕީގެ ފޯރިގަދަ ޖަލްސާއެއް ބާއްވައިފި

ފޮނަދޫ ކުރިގަމު އަވަށުގައި އެމްޑީޕީގެ ފޯރިގަދަ ޖަލްސާއެއް ބާއްވައިފިއެވެ. ފޮނަދޫ އެމްޑީޕީގެ ޢަޒުމް ގޮފީގެ “ޢަޒުމް ކެމްޕޭން ޖަގަހަ” ހުޅުވުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ރައީސާއި އިތުރު ޕާލިމެންޓޭރިއަނުން ބައިވެރިވެލެއްވިއެވެ. އަދި މިނިސްޓަރ އޮފް ޔޫތު ޙަސަން ލަޠީފްވެސް ބައިވެރިވެލެއްވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ ލިބިފައިވާ ކުރިގަމު އަވަށުގައި ބޭއްވި މި ޖަލްސާއަކީ ސިލްސިލާކޮށް ފޮނަދޫ އެމްޑީޕީ ހަރުގޭގައި ބާއްވަމުން އަންނަ ޖަލްސާ އެއަވަށުގެ އެމްޑީޕީ މެންބަރުންނަށް ޚާއްޞަކޮށްލުމަށް ބޭއްވި ޖަލްސާއެކެވެ.މި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕު މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. އަދި އަތޮޅު ކައުންސިލް ފޮނަދޫ ދާއިރާއަށް ކުރިމަތިލާފައި ކެންޑިޑޭޓަކާއި ފޮނަދޫ ރަށު ކައުންސިލަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓް ވެސް ޖަލްސާގެ ބައިވެރިންނާއި މުޚާޠަބް ކޮށްފައިވެއެވެ. ހަމަ އެހެންމެ މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު މުޖުޠަބާވެސް ވާހަކަފުޅު ދެއްކެވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ، ލޯކަލް ގަވަރމެންޓްގެ ނިޒާމާއި ޕްރޮވިންސް ނިޒާމާއި ހުރި ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. “ލޯކަލް ގަވަރމެންޓް ނިޒާމަކީ ރައްޔިތުންގެ އިޙްސާސްތަކާއި ރައްޔިތުންގެ ބޭނުންތައް އަންގައިދޭ އެއްޗެއް. އެކަމަކު ލޯކަލް ގަވރަމެންޓް ނިޒާމަކީ އެއްގޮތަކަށްވެސް ތަރައްޤީއާއި ވަކިކޮށްދޭ އެއްޗެއްނޫން. މައި ސަރުކާރު ކައިރިކޮށްދޭ ނިޒާމެއްނޫން. މި ދެކަންތައް ކޮށްދޭނީ ޕްރޮވިންސް ނިޒާމުގެ ތެރެއިން. އެހެންވީމަ ޕްރޮވިންސް ނިޒާމެއް ނެތި ލޯކަލް ގަވަރމެންޓް ނިޒާމެއް ނުހިނގާނެ. މިކަން އެނގިވަޑައިގެން މުޙައްމަދު ނަޝީދު ފުރަތަމަވެސް ކަނޑައެޅުއްވީ ވެރިކަމަށް ވަޑައިގެންނެވިތާ 2 ހަފްތާގެ ތެރޭގައި އެމަނިކުފާނަށް ލިބިފައިހުރި ބާރާއި އިޚްތިޔާރު ރައްޔިތުންނަށް ދޫކޮށްލައްވަން. ރައްޔިތުންނާއި ހިއްސާކުރައްވަން.” މުޖުތަބާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލައްވާފައިވާ މުޙައްމަދު ޝިޔާމްގެ ވާހަކަކޮޅު ބިނާކުރީ ކައުންސިލް އިންތިޚާބްގައި އެމްޑީޕީން ކާމިޔާބުކޮށް އަތޮޅާއި ރަށަށްޓަކައި ކޮށްދެވޭނެ ކަންކަމުގެ މައްޗަށެވެ.

ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އަސްލަމްގެ ވާހަކަފުޅު ފައްޓަވަމުން އެމްޑީޕީ ފޮނަދޫ ދާއިރާއިންނާއި އަދި ފޮނަދޫން ކުރިމަތި ލާފައިވާ ދެ ކެންޑިޑޭޓުން ދެއްކިވި ބޭފުޅުންގެ ވާހަކަކޮޅަށް ވަރަށްބޮޑަށް ތަޢުރީފްކުރައްވާފައިވެއެވެ. އަސްލަމްގެ ވާހަކަފުޅު ބިނާކުރެއްވީ މަޖްލިސްތެރެއިން އިދިކޮޅު ފަރާތްތަކުން ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ރައްޔިތުންނަށް ފައިދާހުރި ކަންކަން ހުއްޓުވުމަށް ކުރަމުން އަންނަ ކަންކަމުގެ މައްޗަށެވެ. އެގޮތުން އެތައް މިސާލުތަކެއް އަސްލަމް ފާހަގަކުރެއްވިއެވެ.

މަނދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤްގެ ވާހަކަފުޅުގައި މާލެއަށް ލިބިފައިވާ ތަރައްޤީ ރަށްފުށަށް ލިބުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރުގެ ވާހަކަފުޅުގައިވެސް އަލިއަޅުވާލެއްވީ ރައްޔިތުން މަޖްލީހުގައި ތިއްބެވި ޑީއާރްޕީ އަދި ޕީއޭގެ މެންބަރުން އަދުގެ ސަރުކާރުން ރައްޔިތުންގެ ހެވާއާއި ލާބައަށް ކުރަން އުޅޭކަންކަން ހުއްޓުވަން ކުރަމުން އަންނަ މަސައްކަތުގެ މައްޗަށް ބައްލަވާލެއްވިއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖްލީހުގައި ތިއްބެވި ޑީއާރްޕީ އަދި ޕީއޭއަށް ނިސްބަތްވާ ބައެއް މެންބަރުން ޒާތީގޮތުން ޖައްސާލައި މޫސާމަނިކުގެ އަގުވައްޓާލުމަށް ރާވައި ހިންގަމުން އަންނަ ކަންކަން އޮޅުންފިލުވައިދެއްވިއެވެ.

ޒުވާނުންގެ މިނިސްޓަރ ރޭ ދެއްކެވި ވާހަކަފުޅުގައި އަދުގެ ސަރުކާރުން ޒުވާނުންނަށްޓަކައި މިސަރަޙައްދުގައި އަދި ޚާއްޞަކޮށް ފޮނަދޫގެ ޒުވާނުންނަށްޓަކައި ހިންގެވުމަށް ހަމަޖައްސަވާފައިވާ ބައެއް ޕްރޮގްރާމްތަކާއި ބެހޭގޮތުން މަޢުލޫމާތުދެއްވިއެވެ. މީގެ އިތުރުން އަދުގެ ސަރުކާރުން ލ. އަތޮޅަށާއި ފޮނަދުއަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގެ ޞައްޙަ ތަފާސްހިސާބުތަކަކާއި އެކު މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ.
މި ޖަލްސާވެސް ނިންމާލީ ޚާއްޞަ ދުޢާއަކުންނެވެ. ޖަލްސާގައި އެމްޑީޕީ ފޮނަދޫ ކެމްޕޭން ކޮމިޓީގެ ފަރާތުން ތައްޔާރުކޮށްފައި ކެމްޕޭން ސީޑީ ލޯންޗްކުރުންވެސް އޮތެވެ.