މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ޖަގަހައެއް މިރޭ ރައީސް ހުޅުއްވައިދެއްވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ މުޙައްމަދު ފަލާޙް (ފަލާ)ގެ ކެމްޕެއިން ޖަގަހައެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިރޭ ހުޅުއްވައިދެއްވާނެއެވެ.
ހަވީރީ ހިނގުމުގައި ހުންނަ މ.ފަރުހާނާ މަންޒިލްގައި ހުޅުވާ މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ފެށެނީ މިރޭ 9 ޖަހާއިރު އެވެ.
މާދަމާ ވެސް އެމްޑީޕީގެ އިތުރު ދެ ޖަގަހައެއް ރައީސް ހުޅުއްވައިދެއްވާނެއެވެ. އެގޮތުން ފުރަތަމަ މާދަމާ ހަވީރު ރައީސް ހުޅުއްވައިދެއްވާނީ ހުޅުމާލޭގައި ހުޅުވާ ހުޅުހެންވޭރު ދާއިރާގެ ކެންޑިޑޭޓް އަލި މަނިކު (މައިޒާން އަލިބެ) ގެ ޖަގަހައެވެ. އެއަށްފަހު ރައީސް ހުޅުމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހުޅުމާލޭގައި މިހުޅުވާ ޖަގަހައިގެ އިތުރުން ދެން ރައީސް ހުޅުއްވައި ދެއްވާނީ މާދަމާ ރޭ ހުޅުވާ ގޮތަށް ހަމަޖެހިފައިވާ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް، މަޝްހޫރު ފިލްމީ ތަރީ (ޖަންބު) ހަސަން އަފީފްގެ ރާނީ ޖަގަހައެވެ.