ނޫސް ބަޔާން: އައްޑޫ ސިޓީއަކަށް ހެދުމަށް އެމްޑީޕީއާއި ސަރުކާރުން ކުރާ މަސައްކަތަށް އިހަވަންދޫ ދާއިރާއިން ތާއީދުކުރުން

ahd-abdulla-250-x-296mdp-logo3

އައްޑޫ ސިޓީ ހެދުމަށް އެމްޑީޕީން ކުރާ ގައުމީ ޖިހާދުގައި އެމްޑީޕީ އިހަވަންދޫ ދާއިރާއިން އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެ، އައްޑޫއަށް ސިޓީއެއްގެ ދަރަޖަދިނުމަށް ތާޢީދުކުރާ ވާހަކަ ދަންނަވަމެވެ.
“އައްޑޫ ސިޓީއަކަށް ހެދުމަށް އެއަތޮޅުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގައި އެމްޑީޕީގެ ލީޑަރޝިޕާއި، އެމްޑީޕީގެ 45000 މެންބަރުން އަތާއަތްގުޅާލައި، އެ ޖިހާދުގައި އެމްޑީޕީން އެންމެ ފުރިހަމައަށް ބައިވެރިވާނޭ ކަމަށާއި، މި މަސައްކަތް ހުޢްޓާލާނީ އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު ކަމުގެ ފުރިހަމަ ޔަޤީންކަން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ދެއްވާފައިވާތީ އެކަމާ އުފާކުރާހާލު، މާލެއިން ދެކުނާއި އުތުރުގައި ދެ ސިޓީ ހެދުމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް އެކަމަނާ ވިދާޅުވި ވިދާޅުވުމަށް ވެސް މި ފުރުސަތުގައި މަރުހަބާ ދަންނަވަމެވެ.
އަޅުގަނޑުމެން އިހަވަންދޫ ދާއިރާގެ އެންމެހާ މެންބަރުން މިތިބީ އައްޑޫގެ ރައްޔިތުންނާއި، އެމްޑީޕީގެ މެންބަރުންނާއި، ދިވެހި ސަރުކާރާއެކު އައްޑޫ ސިޓީ ގާއިމްކުރުމަށް ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރިހަމަ އުއްމީދުގައެވެ.
އައްޑޫ ސިޓީގެ މައްސަލައިން އަޅުގަނޑުމެންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިގެން ހިނގައްޖެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ތިމާގެ ރަށާއި ވަތަނުގެ މަސްލަހަތަށް ވުރެ އިދިކޮޅު ފަރާތްތަކުން ސިޔާސީ މަސްލަހަތު އިސްކޮށް ސަރުކާރަށް ޖެއްސުންކުރުމަށް މަސައްކަތްކުރަމުންދާ މިންވަރެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މިފަދަ ބަޔަކު އިންތިޚާބުކޮށްފިނަމަ އަމިއްލަ ރަށާއި، އަތޮޅަށް ތަރައްޤީ ގެނައުމަށް ވުރެ މި ސަރުކާރަށް ދަތިކުރުމަށް މިފަދަ ފަރާތްތަކުން އިސްކަންދޭނޭ ކަމަށް އަޅުގަނޑުމެން އޭރު، ކުރި ޝައްކު މިހާރު މިވަނީ ޔަޤީންކަމަށް ބަދަލުވެފައެވެ.
ވީމާ ރަށާއި އަތޮޅަށް ތަރައްޤީ ގެނައުމަށްޓަކައި މިސަރުކާރުގެ ސިޔާސަތު ތަންފީޒްކުރުމަށް މަގުފަހިކޮށްދޭނޭ ފަދަ ބަޔަކު އިންތިޚާބުކުރުމަށް އިހަވަންދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ އިހަވަންދޫ ދާއިރާ