މާރޗް 28 2010
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބު މިއަދު ހަވީރު އެޕާޓީގެ ސެކްރެޓޭރިއަޓްގައި ބާއްވައިފިއެވެ. އޮބްޒާވަރުންނާއި ނޫސްވެރިންގެ ހާޒިރުގައި ބޭއްވި މި އިންތިޚާބުގައި 4 މަގާމަކަށް 7 ބޭފުޅަކު އިންތިޚާބުކުރެވުނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 24 މެންބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މި އިންތިޚާބުގައި ޕާލަމެންޓްރީ ގްރޫޕްގެ ރައީސްގެ މަގާމަށް ބޭފުޅަކާއި، ނައިބު ރައީސްގެ މަގާމަށް 2 ބޭފުޅަކާއި، 3 ވިޕުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރެވުނެވެ.
އެގޮތުން ރައީސް ކަމަށް ވާދަކުރެއްވި ހަމަ އެކަނި ފަރާތް ކަމަށްވާ މިހާރުގެ ވަގުތީ ރައީސް މޫސާ މަނިކު އެމަގާމަށް ހޮވި ވަޑައިގަތީ 20 ވޯޓު ލިބިވަޑައިގެންނެވެ. ނައިބު ރައީސް ކަމަށް ވާދަކުރެއްވެވި 4 ބޭފުޅުންގެ ތެރެއިން އިންތިޚާބުވެ ވަޑައިގަތީ ސ.ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އިތުރުން ހއ. އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޢަބްދުﷲ އެވެ. އަހުމަދު ޢަބްދުﷲ އަށް 10 ވޯޓު ލިބިވަޑައިގެންނެވި އިރު، މިހާރުވެސް ވަގުތީ ގޮތުން ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ސ.ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަށް 21 ވޯޓު ލިބިވަޑައިގެންފައިވެއެވެ. މި 2 ބޭފުޅުންގެ އިތުރުން މިމަގާމަށް ދެން ވާދަކުރެއްވީ ހއ.ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރުއާއި ހދ.ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އެވެ. ސަމީރުއަށް 9 ވޯޓު ލިބިވަޑައިގެންނެވި އިރު މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 8 ވޯޓެވެ.
މިމަގާމްތަކުގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ ވިޕުން ކަމަށް ކުރިމަތި ލެއްވި 3 ބޭފުޅުން ކަމަށްވާ ހއ.ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި، ސ.ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ އެމަގަމަށް ހޮވި ވަޑައިގެންފައެވެ. މިއިން ކޮންމެ ބޭފުޅކަށްވެސް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އިންތިޚާބުވެ ވަޑައިގަތީ އެމަގާމަށް ކުރިމަތިލެއްވި ހަމައެކަނި ފަރާތްކަމަށްވާ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރެވެ.