މަޖިލީހުގެ ޖަލްސާ ހިނގަމުން ދަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރަކަށް ހަމަލަދީ ޒަޚަމްކޮށްލައިފި

24 މާރޗް 2010

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ނިޒާމުގެއްލި މެންބަރުންގެ މެދުގައި މާރާމާރީ ހިންގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. މަޖިލީހުގެ ތާރީޚްގައިވެސް ހިނގި ފުރަތަމަ މާރާމާރީގައި ޒަޚަމްވެފައިވަނީ އެމްޑީޕީގެ
ޕާލްމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އެވެ.
އިއްޔެގެ ޖަލްސާ އެންމެ ބޮޑަށް ހޫނުވާން ދިމާވި ސަބަބަކީ އެމްޑީޕީގެ ޕާލަމެންޓްރި ގްރޫޕްގެ މެންބަރު އަދި ސ.ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ނިޒާމީ ނުކުތާއެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހްލޫފު ވަޑައިގެން އަލްހާންގެ ބުރަކަށީގައި ޖައްސަވައި “ތީ ޑީއާރުޕީގެ ގޮނޑިއެކޭ. ޑީއާރުޕީން ވަގަށް ގެންދިޔަ ގޮނޑިދޭށޭ” ބުނުމުގެ ސަބަބުންނެވެ.
މި ހަމަނުޖެހުމުގެ ތެރޭގައި ޑީއާރުޕީގެ މެންބަރުންވަނީ ޝިފާޤްގެ ކަނާތުލޯ ކައިރީގައި ޖެހުމުގެ ސަބަބުން ލޯ ކައިރި ވަރަށް ބޮޑަށް ދުޅަވެ ލޯވެސް ވަނި ވަރަށް ބޮޑަށް ރަތްވެފައެވެ. އަދި ޝިފާޤަށް އޭޑީކޭގައި ވަނީ ފަރުވާދެވިފައެވެ. މީގެ އިތުރުން ހިތަދު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ ވާތު ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ދައުލަތުގެ އޮޑިޓަރ ޖެނެރަލް އިބްރާހީމް ނައީމްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރުމުގެ ސަބަބުން އިއްޔެގެ ޖަލްސާ ފެށުނީއްސުރެ މަޖިލީހުގެ ނިޒާމް ވަނީ ގެއްލިފައެވެ. ނަމަވެސް ރިޔާސަތުން މަސައްކަތް ކުރަމުން ދިޔައީ އެހެން ފަހަރުތަކާ ޚިލާފަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ޑީއާރުޕީގެ މެންބަރުން ބޭނުންވާ ގޮތަށް ސީދާ ވޯޓަކަށް ދިއުމަށެވެ.
އިއްޔެގެ ހަމަ ނުޖެހުމުގައި މަހްލޫފާއި އަލީ ވަހީދަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށް އެ މެންބަރުން ބުނެއެވެ.