ދައްކާނެ ވާހަކަ ހުސްވެ ކަނޑުވާ މީހާ ފަރުވާންވެގެން ދައްކާނީ ވަތަނާއި ދީނުގެ ވާހަކަ – ޑރ.ޝަހީދު

މުޅިރާއްޖޭގައި މިމަހުގެ 20 ވަނަ ދުވަހު ރީނދޫ ކެމްޕެއިން ފަށަނީ

އިބްރާހީމް ރާމިޒް

މިއަދު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ ކެމްޕެއިން ސްޕޯކްސްޕާސަން ވާހަކަފުޅު ދައްކަވަނީ - މި އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރާނޭ ކަމަށް އެމްޑީޕީން ބުނޭ
މިއަދު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ ކެމްޕެއިން ސްޕޯކްސްޕާސަން ވާހަކަފުޅު ދައްކަވަނީ - މި އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރާނޭ ކަމަށް އެމްޑީޕީން ބުނޭ

ސިޔާސީ މީހުން ބަނގުރޫޓްވެ ދައްކާނެ ވާހަކަ ހުސްވީމާ ކަނޑުވާ މީހާ ފަރުވާންވެގެން ދައްކާނީ ވަތަނާއި ދިނުގެ ވާހަކަ ކަމަށް އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސް ޕާސަމް ޑރ.ޝަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީން މިއަދު އެޕާޓީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިދިކޮޅު ފަރާތްތަކުން ކައުންސިލް އިންތިޚާބު ދިޏާއި ވަޠަނާއި ގުޅުވައިގެން ދައްކާ ވާހަކަތައް ކުށްވެރިކޮށް ޑރ. ޝަހީދު ވިދާޅުވީ ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވުމަކުން ދީނީ ގޮތުން ވެސް އަދި ވަޠަނީ ގޮތުން ވެސް ލިބޭނޭ ގެއްލުމެއް ނޯންނާނޭ ކަމަށާއި މި އިންތިޚާބު އެމްޑީޕީ ކާމިޔާބުކޮށްފިނަމަ ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވިވެ ރައްޔިތުންނަށް އެތައް ފައިދާއެއް ވާނޭ ކަމަށެވެ.

އިދިކޮޅު ޑީއާރުޕީން މާޒީއާއެކު މަސައްކަތްކުރަމުން އެގެންދަނީ އެޕާޓީއަކީ މުސްތަޤްބަލެއް އޮތް ޕާޓީއަކަށް ނުވާތީ ކަމަށް ވިދާޅުވަމުން ޑރ.ޝަހީދު ވިދާޅުވީ، ޑިއާރުޕީގައި އަދިވެސް ހުރި މޫނަކީ ހަމައެކަނި މައުމޫނަށް ވެއްޖެނަމަ އެމްޑީޕީއަށް މި ކެމްޕެއިން ވަރަށް ފަހިވާނޭ ކަމަށެވެ.

އެމްޑީޕީގެ އަމާޒަކީ މި ކެމްޕެއިންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދަތުރުކޮށް، ރާއްޖޭގެ ކޮންމެ ގެއެއްގައި 3 ފަހަރު ޓަކިޖެހުން ކަމަށް ވިދާޅުވެ، މި ދަނޑިވަޅަކީ އެމްޑީޕީގެ ތާއީދު ރަށްރަށުގައި އޮތީ ކިހާވަރަކަށްތޯ ބެލުމަށްވުރެ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް އެއްބާރުލުންދޭނީ ކޮންބަޔަކު ހޮވައިގެންތޯ ބެލުމުގެ ވަގުތު ކަމަށާއި، އެހެން ކަމުން މި އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ނުކުރާނެ ރަށެއް އޮންނާނޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

ރަށްރަށުން އެމްޑީޕީއަށް ހީކުރި ވަރަށްވުރެ މާ ތާއީދު ބޮޑުކަމަށް. “އަސްލު މެސެޖް އެބަ ސާފްވޭ. މިއީ ސިޔާސީ ކުޅިގަނޑެއް ނޫންކަން. މިއިންތިޚާބަކީ ރަށުގެ ރައްޔިތުންނަށް ޚިދުމަތެއް ދިނުމަށްޓަކައި އެންމެންނަށް އެބަ އެނގޭ ކުރިޔަށް މިއޮތް 3 އަހަރަށް ވެސް ރައްޔިތުން ނިންމާފައިވަނީ އެމްޑީޕީ ސަރުކާރާއެކު އޮންނަން ކަމަށް. އެހެންވީމަ އެމްޑީޕީ ސަރުކާރު ރާއްޖޭގަ އޮވެގެން އަދި މެނިފެސްޓޯއެއް އޮވެގެން ކުރާ ކަންތައް ކުރުމަށްޓަކައި ހޮވަންވީ ކޮންބައެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އިނގޭ. އެހެންވީމަ އަޅުގަނޑުމެންނަށް ސާފުވީ ވަރަށް ތާއީދު ބޮޑުކަން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު އަޣްލަބިއްޔަތަކުން މިއިންތިޚާބު ކާމިޔާބު ވާނެ.” ޑރ. ޝަހީދު ވިދާޅުވިއެވެ”

އައްޑޫ ސިޓީ ހެދުމުގެ މައްސަލައިގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީގެ މެންބަރު (ދޮންބިލެތް) އަޙުމަދު ޙަލީމް ވިދާޅުވީ އައްޑޫ ސިޓީ އުފެއްދުމުގައި މި ދިމާވި ގޮތުގެ ސަބަބުން އެމްޑީޕީ ކެމްޕެއިނަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އައްޑޫއަކީ ޑިމޮކްރަސީ ގެނައުމަށްޓަކައި އެންމެ ފުންނާބު އުސްކޮށް މަސައްކަތްކުރި އެއް އަތޮޅުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ “އައްޑޫ ސިޓީ ހެދުމަކީ އެމްޑީޕީއަށް މި ކެމްޕެއިން ކާމިޔާބުކުރުން ކަހަލަ ކަމެއް. އައްޑޫގައި ސިޓީ ހެދުމަށްޓަކައި ސީދާ ހަރަކާތަށް ދާން ޖެހުނު ނަމަވެސް ދާން ތައްޔާރަށް އަޅުގަނޑުމެން މިތިބީ.”

ޑރ. ޝަހީދުގެ ވާހަކަފުޅުގައި އައްޑޫ ސިޓީއަކަށް ހެދުމަށް ސަރުކާރުންކުރި މަސައްކަތަށް ހުރަސްތަކެއް ކުރިމަތިކުރުވުމަކީ އެމްޑީޕީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި، އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ހައްގު އޮތް ކަމަށް އެމްޑީޕީން ދެކޭ ކަމަށާއި “އައްޑޫ ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއް ނެތި އަމިއްލަ ކޮންމެވެސް ޖަޒްބާތެއްގަ އެކަން އެގޮތަށް ކޮށްފަ އެއޮތީ. އައްޑޫ ރައްޔިތުންގެ މަސްލަޙަތު ހިމާޔަތްކުރުމަށް އެމްޑީޕީން މަސައްކަތްކުރާނެ.” ކަމަށެވެ.

މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހަކީ އެމްޑީޕީން މުޅި ރާއްޖޭގައި ރީނދޫ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށާއި، އެދުވަހު ގޭގެ ފާރުތަކުގައި ރީނދޫ ކުލަލުމާއި، ރީނދޫ ހެދުން އެޅުންފަދަ ކަންތަކުން އެމްޑީޕީއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އޮތް ތާއީދު ހާމަކޮށްދޭނޭ ކަމަށެވެ.