ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގެންފެށުނީމާ މުދަލާއި ޚިދުމަތުގެ އަގު ތިރިކުރުމުގެ ވަރަށް ރަނގަޅު މިޞްރާބެއް ހިފޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގެންފެށުނީމާ، މުދަލާއި ޚިދުމަތުގެ އަގު ތިރިކުރުމުގެ ވަރަށް ރަނގަޅު މިޞްރާބެއް ހިފޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ހިންނަވަރު ހިއްކި ބިމުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން ގިނަވަޢުދުތައް މިހާރު މިވަނީ ފުއްދުމުގެ ވަރަށް ފުރިހަމަ މަރްޙަލާއެއްގައިކަން ފާހަގަކުރައްވަމުން، ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދަކީ މުދަލާއި، ޚިދުމަތުގެ އަގު ތިރިކޮށްދިނުމުގެ ވަޢުދުކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ތަކެތީގެ އަގު ވަރަށް ބޮޑަށް ގުޅިފައިވަނީ ތަކެތިން ނަގާ ޑިއުޓީއާ ކަމަށާއި، ޑިއުޓީނެގުން ހުއްޓާ ނުލެވެނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނުނެގޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ކަމަށާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގެންފެށުނީމާ، މުދަލާއި ޚިދުމަތުގެ އަގު ތިރިކުރުމުގެ ވަރަށް ރަނގަޅު މިޞްރާބެއް ހިފޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން މެދު އާމްދަނީގެ ޤައުމަކަށް ރާއްޖެ މިހާރު ބަދަލުވެފައިވުމާއެކު، މިކަމާ ގުޅިގެން ރާއްޖެއަށް މީގެކުރީގައި ލިބެމުންއައި ވަރަށް ކުޑަ އިންޓަރެސްޓްގެ ލޯނުތަކާއި، މިބާވަތުގެ މާލީ އެހީތައް ލިބޭލެއް މަދުވާނެއެވެ.

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ޤައުމަކީ ތިމާގެ ޖީބުގައި އޮންނަ އެއްޗެއް ކަމަށް ނުވަތަ ތިމާއަށް އަތުން ހިފައިގެން އެއްތަނުން އަނެއްތަނަށް ގެންދެވޭނެ އެއްޗެއް ކަމަށް ބޯދާ ވިސްނުމުގައި ދެކިގެން، ދެން އަޅުގަނޑުމެން ސިޔާސީ ފިކުރު ކުރާންވެއްޖެނަމަ ޤައުމު ހައްތަހާވެސް ދާނީ ފަހަތަށް ކަމަށާއި، ޤައުމު ދާނީ ދަރަނިވެރިވަމުން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖެ މިއޮތް ހިސާބުން ތަރައްޤީ ކުރުމަށްޓަކައި، ދޭދޭ ކިތަންމެ ޤައުމަކާ ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމްކޮށް ރާއްޖެއަކީ، ރަނގަޅު ޝަޚްޞަކަށްއަދި ޤައުމަކަށްވާން އެބަޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ހިންނަވަރަށް ވަޑައިގަތީ އެމަނިކުފާނު ފާދިއްޕޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މިހާރުވަނީ މާލެވަޑައިގެންފައެވެ.