އެމްޑީޕީގެ އިސްވަފްދެއް ޅ.އަތޮޅަށް ޒިޔާރަތްކޮށްފި

ޅ.ނައިފަރުން އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ވަފްދެއް ފާދިއްޕޮޅު ކުރެންދޫ އާއި ނައިފަރަށް ޒިޔާރަތްކޮށް އެދެރަށުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާފައިވާ ފަރާތްތަކަށް ތާޢީދު ހޯދުމުގެ މަސައްކަތްކޮށްފިއެވެ.
ޅ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް އެމްޑީޕީގެ ވަފްދާ ގުޅިވަޑައިގެންނެވިއެވެ.
މި ޓީމް ފުރަތަމަ ޒިޔާރަތްކުރީ އެއަތޮޅު ކުރެންދޫ އަށެވެ. އަދި އިއްޔެ މެންދުރުފަހު ކުރެންދޫ އެމްޑީޕީ ހަރުގޭގައި އެރަށުގެ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ޑީއާރުޕީއާއި ޚިލާފަށް އެމްޑީޕީއަކީ މެނިފެސްޓޯ އަކާއި ވައުދުތަކަކާއެކު ލޯކަލް ކައުންސިލް އިންތިޚާބާ ކުރިމަތިލާފައިވާ ޕާޓީއެއް ކަން ފާހަގަކުރެއްވިއެވެ.
ކުރެންދޫގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ޓީމް ހިންނަވަރަށް އައީ އިއްޔެ ހަވީރުއެވެ. މި ޓީމުން ވަނީ ރޭ ހިންނަވަރުގައި ވަރަށް ކުލަގަދަ ޖަލްސާއެއް ބާއްވާފައެވެ.
ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އެމަނިކުފާނުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް، ޑރ. އަޙުމަދު ޝަހީދު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ދިވެހި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އިންސާނީ ތަރައްޤީގެ ރޮނގުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުން ދެމުންގެންދާ ޕެންޝަނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެމުން ގެންދާ އިނާޔަތްތަކާއި، އެ އިނާޔަތްތައް ދިނުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަފުޅުދެއްކެވިއެވެ.
ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ ވާހަކަފުޅުގައި މިރާއްޖެ ރީނދޫވެ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީގެ އަތަށް އަންނަމުންދާތަން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީއަކީ މަޤްސަދަކާއި ފަލްސަފާއެއް އޮންނަ ޕާޓީއެއް ކަމަށާއި އެންމެ ފުރަތަމަވެސް އެޕާޓީން ރައްޔިތުން ބެނުންވަނީ ކޮންގޮތެއްތޯ ބަލައި، މެނިފެސްޓޯއެއް ގައި އެ ރައްޔިތުން ބޭނުންވާ ކަންތައްތައް ލިޔެ ވަކި ތަރުތީބަކުން ރައްޔިތުންނަށް ކަންތައް ކޮށްދިނުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މި ޖަލްސާގައި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ ވާހަކަފުޅު ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމުގެ މައްޗަށެ މައިގަނޑު ގޮތެއްގައި ބިނާކުރެއްވިއިރު، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވަނީ އަދާލަތު ޕާޓީން އިންތިޚާބާއި ދިމާކޮށް ދީން ހަތިޔާރަކަށް ހަދަން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް ޑރ. އަޙުމަދު ޝަހީދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ޑީއާރުޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި މި ޖަލްސާގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވީ އެމްޑީޕީއަށް ވޯޓުދޭން ޖެހެނީ އެޕާޓީއަކީ ވައުދުފުއްދާ ޕާޓީއަކަށް ވާތީ ކަމަށާއި، އެކަން އެންމެ ގާތުން ފެނުނު އެއްބަޔަކީ ހިންނަވަރުގެ ރައްޔިތުން ކަމަށެވެ.
ކުރެންދު އާއި ހިންނަވަރުންވެސް އެމްޑީޕީގެ ވަފްދަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. ޅ.އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަފްދު މިއަދު ހަވީރު ވަނީ ނައިފަރަށް އައިސްފައެވެ. އަދި މިރޭ ނައިފަރުގައި ޖަލްސާ ބާއްވާނޭކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.