އެމްޑީޕީގެ ގދ. ކެމްޕެއިން ވަފްދު ތިން ރަށަކަށް ޒިޔާރަތްކޮށްފި

އެމްޑީޕީގެ ފަރާތުން ގދ. އަތޮޅުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ކެމްޕެއިން ޓީމް އެއަތޮޅުގެ 3 ރަށަކަށް އިއްޔެ ޒިޔާރަތްކޮށްފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ދައިރަ ރައީސުންގެ މައްޗަށް އެކުލެވޭ މި ޓީމް އިއްޔެ އެންމެ ފުރަތަމަ ޒިޔާރަތްކުރީ ގދ. ފަރެސްމާތޮޑާ އަށެވެ. އެރަށަށް ޒިޔާރަތްކޮށް އެރަށު އެމްޑީޕީ ހަރުގޭގައި އެޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ޕާޓީގެ އިސް ހަރަކާތެތެރިންނާ ބައްދަލުކުރެއްވުމަށްފަހު މިވަފްދު ދެން ޒިޔާރަތްކުރީ ވާދޫ އަށެވެ. ވާދޫ ބަނދަރު ސަރަހައްދުގައި އެރަށުގެ އެމްޑީޕީ ކެންޑިޑޭޓުންނާއި، ޒުވާނުންނާއި ބައްދަލުކުރެއްވުމަށްފަހު ރޭގެ ޖަލްސާއަށް މި ވަފްދުގެ ބޭފުޅުން ވަޑައިގެންނެވީ ފިޔޯރީއަށް ކަމަށް އެވަފްދުން މަޢުލޫމާތުދެއެވެ.
އެމްޑީޕީގެ އިސް ވަފްދެއް ގދ ގައި ހަރަކާތްތެރިވާއިރު، އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މަރިޔާ އަޙުމަދު ދީދީ ވެސް ބައިވެރިވެވަޑައިގަންނަވާ ޓީމެއް ގއ.ގައި ދަނީ ހަރަކާތެރިވަމުންނެވެ. މި ވަފްދުން އިއްޔެ އެއަތޮޅު ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ އަދި ދާންދޫއަށް ޒިޔާރަތްކޮށްފައިވެއެވެ.