ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާމެދު އިލެކްޝަންސްއަށް ލަފާދޭ އަތޮޅު ކޮމިޓީތަކާއި މާލޭ ކޮމިޓީގެ އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިދާރީ ކަންތައްތަކާމެދު، ރާއްޖޭގެ 21 އިދާރީ ދާއިރާއިން އިލެކްޝަންސް ކޮމިޝަނަށް ލަފާދޭ 20 އަތޮޅު ކޮމިޓީއާއި މާލޭ ކޮމިޓީއަށް އެމްޑީޕީގެ ފަރާތުން ކަނޑައަޅާ 21 މަންދޫބުންގެ ނަންތައް އަންގާރަދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެމްޑީޕީއިން މިކަނޑައެޅި 21 މަންދޫބުންގެ މަސައްކަތަކީ އެމަންދޫބެއްގެ އިދާރީ ދާއިރާގައި ހިމެނޭ އިންތިޚާބީ ދާއިރާތަކުގެ އެމްޑީޕީ ކެންޑިޑޭޓުންނާއި ކަމާބެހޭ އޮފިޝަލުންނާ ދެމެދު ވިލަރެސް ކުރުމުގެ މަސައްކަތެވެ.
މިގޮތުން ކަނޑައެޅި މަންދޫބުންނަކީ ހއ އަތޮޅުން ހއ.ދިއްދޫ ބިލެއްކަފާގެ މުހައްމަދު ރަޝީދު، ހދ އަތޮޅުން ހދ.ކުޅުދުށްފުށީ ދެރަހަ ޢަލީ މުޙައްމަދު، ށ އަތޮޅުން ށ.ފޮނަދޫ އިރުދޭމާގޭ އިބްރާހިމް މުޙައްމަދު، ނ އަތޮޅުން ނ.މިލަދޫ ކުންނަމަލަ އަބްދުﷲ ޝަފީޢު، ރ އަތޮޅުން ރ.އުނގޫފާރު އިރުމަތީގޭ މުޙައްމަދު ޝަފީޤު، ޅ އަތޮޅުން ޅ.ނައިފަރު އާޒާދީގޭ ޢަބްދުލްވާޙިދް ޙުސައިން، ކ އަތޮޅުން ހ. ފަރިމާގެ މުހައްމަދު ރިޔާޒު، އއ އަތޮޅުން އއ.ރަސްދޫ ބިލަމަގުގަސްދޮށުގޭ ޙަސަން މޫސާ، އދ އަތޮޅުން އދ މަހިބަދޫ ޕެންޒީމާގޭ އިބްރާހިމް ނާޞިރު، ވ އަތޮޅުން ވ ކެޔޮދޫ ރޯޒްމީޑް ގާސިމް އަހުމަދު، މ އަތޮޅުން މ.މުލީ މާތިލަ އަޙްމަދު ކާމިލް، ފ އަތޮޅުން ފ.ބިލެއްދޫ މޫސަލް މޫސާ އިސްމާޢީލު، ދ އަތޮޅުން ދ ކުޑަހުވަދޫ މާކޯނި މުއާވިޔަތު އިދުރީސް، ތ އަތޮޅުން ތ.ކިނބިދޫ އަލިހަނދުވަރު ޙުސައިން ޢާރިފް، ލ އަތޮޅުން ލ.ފޮނަދޫ ބަގީޗާ އިބްރާހިމް ނާއިފް، ގއ އަތޮޅުން ވިލިނގިލި އެޅެހެށިގެ ހަބީބު ހަސަން، ގދ އަތޮޅުން ގދ ތިނަދޫ ކޯންފްލޭކް މުޙައްމަދު ޒާހިރު، ޏ އަތޮޅުން ފުވައްމުލަކު މަހިލަނބުމާގެ އަހުމަދު މުޖުތަބާ، އައްޑު އަތޮޅުން ސ.ހިތަދޫ ޑޯސް ޢަބްދުލްސައްތާރު، މާލޭން ގ.ދޫރެސްވިލާ މުޙައްމަދު ޒާހިރު (އޯކޭ) އަދި އިލެކްޝަންސްއަށް ލަފާދޭ ޤައުމީ ކޮމިޓީގެ މަންދޫބަކަށް ގ.ކެނެރީގޭ އަޙްމަދު ނާޒިމް ޢަބްދުއްސައްތާރެވެ.
މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވޭނީ ކަމާބެހޭ ކަންތައްތައް ހަލުވިކޮށް ނިންމުމަށް ޢަމަލީ ގޮތުން މަސައްކަތް ކުރިއަށް ނެރިގެންކަމަށް އެމްޑީޕީ ފާހަގަ ކުރެއެވެ. އަދި އިންތިޚާބް ބޭއްވުމަށް އެކިއެކި ފަރާތްތަކުން އަޑު ހަރުކޮށް ގޮވަމުންދާ މިދަނޑިވަޅުގައި، އިންތިޚާބާބެހޭ ކޯޑިނޭޝަންގެ ކަންތައްތައް ހަމައަކަށް އެޅުވުމަށް އެމްޑީޕީން ކުރާ މަސައްކަތުން، މިކަމަށް އިތުރު ހަލުވިކަމެއް އަންނާނެކަމަށް އެމްޑީޕީން ޔަޤީން ކުރެއެވެ.