5 މާރޗް 2010
އެމްޑީޕީން އަބަދުވެސް ވައުދު ވަމުން ދިޔައީ އޯގާތެރި ސަރުކާރެއް ހިންގައި، އަދުލުވެރި ވެރިކަމެއް ގެނެސްދިނުމަށް ކަމަށާއި، މިއަދު ކަތީބަކަށްފަހު ކަތީބަކު، މުދިމަކަށްފަހު މުދިމަކު އެމްޑީޕީއާ ގުޅެމުންދަނީ އެޕާޓީގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ގއ.ކޮލަމާފުށީ ގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވުނު އެމްޑީޕީގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި މިޖަލްސާގައި މާރިޔާ ވިދާޅުވީ އެހެނިހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން އެމްޑީޕީގެ ޕޯޑިއަމް ދޮށުގައި ހާމަކަން ބޮޑު ގޮތެއްގައި އެޕާޓީއަށް ސޮއިކުރުމަކީ ތާރީޚްގެ ތެރެއަށް ވަދެގެންދާނޭ ކަމެއް ކަމުގައެވެ. އަދި “އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ރައީސް ނަޝީދު ވިދާޅުވާ ފަދައިން އެކެއްގެ ކިބައިން އަނެކަކު ހިތްވަރު ލިބިގަނެ، ބިރު ފަހަނައަޅާގޮސް ކަތީބަކަށް ފަހު ކަތީބަކު، މުދިމަކަށް ފަހު މުދިމަކު އަޅުގަނޑުމެންނާ ގުޅެމުންދާތަން” ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ކޮލަމާފުށީގެ އެމްޑީޕީ މެންބަރުންގެ އިތުރުން އެއަތޮޅު ވިލިނގިލި، މާމެންދޫ، ނިލަންދޫ އަދި ދާންދޫގެ ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މިޖަލްސާގައި މާރިޔާ އިތުރަށް ވިދާޅުވީ އެމްޑީޕީން ނިކުތީ ފިކުރަކާއެކު ކަމަށާއި، އެޕާޓީން “އަބަދުވެސް ވައުދު ވަމުން ދިޔައީ އޯގާތެރި ސަރުކާރެއް ހިންގައި އަދުލުވެރި ވެރިކަމެއް ގެނެސްދިނުމަށް” ކަމުގައެވެ.
ކަތީބުން ފަދަ ސިވިލް ސާވިސްގެ މުވައްޒަފުން އެބޭފުޅުންގެ ކުރީގެ ފިކުރު ދޫކޮށް މިއަދު އެމްޑީޕީއާ ގުޅެމުންދަނީ ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ އެބޭފުޅުންގެ މިނިވަންކަން މިއަދުގެ ސަރުކާރުން ދިނުމުގެ ސަބަބުން ކަމުގައި ވެސް މާރިޔާ ވިދާޅުވިއެވެ.
މިޖަލްސާ ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ބޮޑަށް އަލިއަޅުޥާލެއްވީ ރާއްޖޭގައި 30 އަހަރު ވަންދެންކުރި އާއިލީ ވެރިކަމަށް ލޮޅުން އަންނަމުން ދިޔަ ގޮތާ ބެހޭގޮތުންނެވެ. މީގެ އިތުރުން މަދު މެންބަރުން ކޮޅކާއެކު ކުރީގެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ދެއްކި ސާބިތުކަމަށް ވެސް މޫސަގެ ވާހަކައިގައި އަލިއަޅުވާ ލެއްވިއެވެ. އެގޮތުން މެންބަރުންގެ އަދަދު ކިތްނމެ މަދުނަމަވެސް ރައްޔިތުންގެ މަންފާއަށް ތަކައި މައުމޫނުގެ ސަރކާރަށް ފިއްތުން ކުރިމަތި ކޮށްގެން މަސްވެރިންނަށް ތެލުގެ ސަބްސިޑީ ހޯދައިދިނީ ވެސް އެމްޑީޕީ މެންބަރުންގެ ބުރަ މަސައްކަތުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު އާއި ރ.އަތޮޅުގެ ކުރީގެ މެންބަރު އަލީ ވަހީދު ވެސް ވާހަކަފުޅު ދެއްކެވި މިޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އިސާ އާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާގެ އިތުރުން ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ވެސް ވާހަކަފުޅު ދެއްކެވިއެވެ.
ގއ.އަތޮޅުގެ ބައެއް ކަތީބުންނާއި، ވިޔަފާރިވެރިންނާއި، އެހެނިހެން ޕާޓީތަކުގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާ އިން އެމްޑީޕީ އަށް ސޮއިކުރެއްވި މިޚާއްޞަ ޖަލްސާ ގައި ވިލިނގިލި، މާމެންދޫ، ނިލަންދު އަދި ދާންދޫއިން އެމްޑިޕީއަށް ވަނުމަށް ފޯމު ފުރާފައިވާ 500 އެއްހާ ފޯމު އެމްޑީޕިއާ ހަވާލުކުރުން ވެސް އޮތެވެ. ޕާޓީގެ ފަރާތުން މިފޯމުތަކާ ހަވާލުވެލެއްވި ޕާޓީގެ ސެކްރެޓަރި ޖެނެރަލް ހަސަން ޝާހު އެވެ.
އެމްޑީޕީގެ ހަރަކާތްތައް ފެށުނީއްސުރެ އެޕާޓީގެ އެންމެ ވަރުގަދަ އެއްރަށް ކަމަށްވާ ކޮލަމާފުށިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާ އެކެވެ. އަދި އެކަމަށްޓަކައި އެރަށު ރައްޔިތުންނަށް މާރިޔާ ޝުކުރު އަދާކުރެއްވިއެވެ.
ކޮލަމާފުށީގައި މިބޭއްވި ޖަލްސާ ނިންމަވާލެއްވީ މިޖަލްސާ އަށް ޚާއްޞަ ކުރެވިފައިވާ ދުއާ އަކުންނެވެ. ޖަލްސާ އަށް ފަހު ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އެމްޑީޕީގެ ޚާއްސަ ބޮނޑިބަތް ކެއުން އޮތެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 9 މެންބަރަކު ކޮލަމާފުއްޓަށް ކުރެއްވި 2 ދުވަހުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވަފްދުގެ ބައިވެރިން މާލެ ވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.