ޑީއާރުޕީން ވެސް އަދި އިދިކޮޅު އެހެން ފަރާތްތަކުން ވެސް ގެންގުޅެނީ ކޮންމެ ރަގަޅުކަމަކަށް ނޫނެކޭ ބުނުމުގެ ސަގާފަތެއް ކަމުގައި އިހަވަންދޫ ދާއިރާގެ މެންބަރު ވިދާޅުވެއްޖެ

ހއ. އިހަވަންދޫ އިން އިބްރާހީމް ރާމިޒް

ޑީއާރުޕީން ވެސް އަދި އިދިކޮޅު އެހެން ފަރާތްތަކުން ވެސް ގެންގުޅެނީ ކޮންމެ ރަގަޅުކަމަކަށް ނޫނެކޭ ބުނުމުގެ ސަގާފަތެއް ކަމުގައި އިހަވަންދޫ ދައިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ މިރަށު ބަނދަރު ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު ޢަބްދުﷲ ވިދާޅުވީ ޑީއާރުޕީއަކީ ލީޑަރަކު ހޮވުމަށް ފަހު ވެސް އެ ލީޑަރާ ދެކޮޅަށް މަސައްކަތް ކުރަމުންދާ އެއް ބައެއް ކަމަށާއި އެއްބައިވަންތަކަން ނެތް މިފަދަ ބަޔަކަށް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ނުކުރެވޭނޭ ކަމަށެވެ. އަދި އަބަދުވެސް ޑީއާރުޕީން މަސައްކަތްކުރަމުންދަނީ މަޖިލިސް ތެރެއިންނާއި މަޖިލީހުގެ ބޭރުން ވެސް ސަރުކާރަށް ދަތިކުރުމަށް ކަމަށާއި، ޑީއާރުޕީގެ ޓިކެޓްގައި ކައުންސިލްތަކަށް ނިކުންނަ ކެންޑިޑޭޓުންގެ ވިސްނުން ވެސް ބައްޓަން ވެފައި އޮތީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އަޅައި އެ މަޝްރޫއުތައް ހުއްޓުވައި ސަރުކާރަށް ތަރައްޤީ ހާސިލްކޮށް ނުދެވޭކަން ދެއްކުމުގެ މައްޗަށް ކަމަށެވެ.
” ކާކުތޯ ހަމަބުއްދީގަ ހުރެގެން ބެނުންވާނީ މުސްކުޅި މައިންނާއި ބަފައިންނަށް ލިބޭ ފައިސާތައް ކަނޑާލާނަމޭ ބުނާ މީހުން ގޮނޑީގަ ބައިތިއްބަން. ސަރުކާރުންދޭ އިނާޔަތްތައް ކަނޑާލާނަމޭ ބުނާއިރު، ކޮބައިތޯ މައިން ބަފައިންނަށް އޮތް ހަމްދަރުދީ. ކޮބައިތޯ މައިން ބަފައިންނަށް ހުންނަންޖެހޭ ކުލުނު. އެހެން ކަމުން އަޅުގަނޑު މިދަންނަވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނޭ ސަރުކާރަށް އެއްބާރުލުން ދޭނީ. އެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާށޭ.” އަހުމަދު ޢަބްދުﷲ ވިދާޅުވިއެވެ.
އަހުމަދު އިތުރަށް ވިދާޅުވީ މި ސަރުކާރުން ދޮށީ އުމުރުގެ ބޭފުޅުންނަށް ދޭ އިނާޔަތުގެ ތެރެއިން މިރަށުގެ 107 މީހަކަށް މަހެއްގެ މައްޗަށް 214000 ރުފިޔާގެ އާމްދަނީއެއް މިރަށަށް ވަންނަ ކަމަށާއި، އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތުގެ ދަށުން އިތުރު 30،000 އެއްހާ ރުފިޔާ މިރަށަށް ސަރުކާރުން ފޯރުކޮށްދެމުންދާއިރު މި އިނާޔަތްތަކަށް ހުރަސް އަޅަން ފައިވިއްދައިގެން ތިބި ބަޔަކު މިރަށުން ކައުންސިލަށް ނުހޮވާނޭ ކަމުގައެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ ބައެއް ބޭފުޅުން ވެސް ވާހަކަދެއްކެވިއެވެ.