އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިން: ހއ. ގައި ހަރަކާތްތެރިވާ ވަފްދު އިއްޔެ އިތުރު ތިން ރަށަކަށް ޒިޔާރަތްކޮށްފި

– ޕާޓީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީ ވެސް މިވަފްދާ ގުޅިވަޑައިގެންފި

ހއ. އިހަވަންދޫ އިން ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން އެޕާޓީން ހއ.އަތޮޅުގައި މިހާރު ކުރިޔަށް ގެންދާ ކެމްޕެއިންގައި އިއްޔެ އިތުރު 3 ރަށަކަށް ޒިޔާރަތް ކޮށްފިއެވެ.
މިގޮތުން މި ވަފްދުވަނީ އިއްޔެ ތުރާކުނު، ހޯރަފުށި އަދި އިހަވަންދޫއަށް ޒިޔާރަތްކޮށް، މިރަށްރަށުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ތަޢާރަފްކޮށް، އެފަރާތްތަކަށް ތާޢީދު ހޯދުމުގެ ގޮތުން މި 3 ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
އެމްޑީޕީގެ ވަފްދާ އިއްޔެ ދިއްދޫ އިން ގުޅިވަޑައިގެންނެވި އެޕާޓީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީގެ ދެ ކަނބަލުން ވެސް މި 3 ރަށަށް ކުރެއްވި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.